ރާއްޖޭގެ ފުރަތަމަ ޖޫނިއާ އަންހެން ސާފިން ޗެމްޕިއަނަކީ އުމުރުން 8 އަހަރުގެ އާލިޔާ
ރާއްޖޭގެ ފުރަތަމަ ޖޫނިއާ އަންހެން ސާފިން ޗެމްޕިއަނަކީ އުމުރުން 8 އަހަރުގެ އާލިޔާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖޫނިއާ އަންހެން ސާފިން ޗެމްޕިއަންކަން އުމުރުން 8 އަހަރުގެ އާލިޔާ ލަތީފް މިއަދު ހޯދައިފި އެވެ.

އާލިޔާ ޗެމްޕިއަންކަން ހޯދީ މިއަދު ބޭއްވި ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގެ އަންހެންބައިގެ 18 އަހަރުން ދަށުގެ ބައިގެ ފައިނަލް ހީޓުގައި ވާދަކޮށް 10.23 ޕޮއިންޓް ހޯދައިގެންނެވެ. އޭނާ ވަނީ ފައިނަލް ހީޓުގައި ވާދަކުރި ތިންވަނަ ރާޅަށް 4.23 ޕޮއިންޓް ހޯދައިފަ އެވެ. އާލިޔާގެ ހަވަނަ ރާޅުގައި ހަ ޕޮއިންޓް ސްކޯ ކުރި އެވެ.

އަންހެން ބައިގެ ދެވަނަ އަށް ދިޔައީ ޖުމްލަ 7.67 ޕޮއިންޓް ލިބުނު އައިޝާ ތާރާ ވާސިފަށެވެ. ތިންވަނައަށް ދިޔަ އަލައިކާ އަބްދުލް އަލީމަށް 3.86 ޕޮއިޖންޓް ލިބުނެވެ. މަރިޔަމް ޒޯހާ މާދިހަށް އެ ހީޓުން ލިބުނީ 0.93 ޕޮއިންޓެވެ.

މިއީ ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ މުބާރާތެއްގައި ޖޫނިއާ އަންހެން އިވެންޓް ބޭއްވި ފުރަތަމަ ފަހަރެވެ.

މުބާރާތުގައި ދެން ކުރިއަށް ގެންދިޔައީ ފިރިހެން 18 އަހަރުން ދަށާއި 16 އަހަދުން ދަށް އަދި 14 އަހަރުން ދަށުގެ އިވެންޓެވެ.

ފިރިހެން 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔަސީން އަހުމަދު ނާޝިދެވެ. އޭނާ ވަނީ ފައިނަލްގައި، މިދިޔަ އަހަރު މި އިވެންޓްގެ ޗެމްޕިއަންކަން ހޯދި މުހައްމަދު އިނާން އަބްދުލް ހަންނާނާ ވާދަކޮށް 13.67 ޕޮއިންޓް ހޯދައިފަ އެވެ. އިނާންގެ ޖުމްލަ ސްކޯއަކީ 9.77 ޕޮއިންޓެވެ.

ޔަސީން ވަނީ ސެމީ ފައިނަލްގައި އަހުމަދު ލުޒެއިންއާ ވާދަކޮށް ކުރި ހޯދައިފަ އެވެ. އަދި އިނާޏް ފައިނަލަށް ދަތުރުކުރީ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ)އާ ވާދަކޮށެވެ.

އުމުރުން 16 އަހަރުން ދަށުގެ ޗެމްޕިއަންކަން މި އަހަރު ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) އެވެ. އޭނާ ވަނީ ފައިނަލްގައި، މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ކައިޕުޓީއާއާ ވާދަކޮށް 13.67 ޕޮއިންޓް ހޯދައިފަ އެވެ. ކައިޕުޓީއަށް މި ހީޓުން ލިބުނީ 8.33 ޕޮއިންޓެވެ.

ކައިޕުޓީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގަައި ޔަސީންއާ ވާދަކޮށެވެ. އަދި ކައި ޒަކީ ވަނީ ސެމީ ފައިނަލްގައި ނޫގް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށް ކުރި ހޯދައިފަ އެވެ.

މި އަހަރުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ހުސެއިން އަޒާން އިސްމާއިލް އެވެ. އޭނާ ވަނީ ފައިނަލްގައި އަހުމަދު އާލް އާދިލްއާ ވާދަކޮށް 11.33 ޕޮއިންޓް ހޯދައިފަ އެވެ. އާލް އަށް ލިބުނީ 4.43 ޕޮއިންޓެވެ.

މިއީ އަޒާން ޖޫނިއާ ޗެމްޕިއަންޝިޕްސްގައި ވާދަކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ މި އިވެންޓުން އޭނާ ކެޓީ ސެމީ ފައިނަލްގައި ނޫހް އާ ވާދަކޮށެވެ.