31 އޮކްޓޯބަރ 2025 - 13:58

އަންނަ އަހަރުގެ ބަޖެޓުން ރާއްޖޭގެ އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.
ސަރުކާރުން ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން، އަސްކަރީ ކަންކަމަށް ކަނޑައަޅާފައިވަނީ މި އަހަރުގެ ބަޖެޓުގައި އޮތް ވަރަށް ވުރެ ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެފަދަ ކަންކަމަށް ކަނޑައަޅާފައިވަނީ 2.3 ބިލިއަން ރުފިޔާ އެވެ.
މިލިޓަރީ ހަރަކާތްތަކުގެ އިތުރުން ފުލުހުންގެ ދިފާއީ ހަރަކާތްތަކަށް ކަނޑައަޅާފައިވަނީ 42 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ވުރެ ހަތް މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އަސްކަރީ ބަޖެޓުގެ ތެރެއިން ދިފާއީ ކަންކަން ބެލެހެއްޓުމަށް ވަނީ 247 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. މިއީ މި އަހަރާ ބަލާއިރު 161 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އަހަރުގެ ބަޖެޓުގައި، ދިފާއީ ކަންކަން ބެލެހެއްޓުމަށް 86 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެހެންވެ، އަންނަ އަހަރު ދިފާއީ ކަންކަން ބެލެހެއްޓުމަށް ކުރާ ހޭދަ ވަނީ 35 ޕަސެންޓް އިތުރުވެފަ އެވެ. ދިފާއީ ކަންކަން ބެލެހެއްޓުމަށް މިދިޔަ އަހަރު ކަނޑައެޅީ 16 މިލިއަން ރުފިޔާ އެވެ. މިދިޔަ ދެ އަހަރުން ދިފާއީ ކަންކަމުގެ ބަޖެޓު ވަނީ ގާތްގަނޑަކަށް 15 ގުނަ އިތުރުވެފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ގައުމީ ދިފާއީ ބާރުގެ ބަޖެޓުން ލޮޖިސްޓިކްސް ސަޕޯޓު ހިދުމަތްތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ އަސްކަރީ ބަޖެޓުން އެންމެ ބޮޑު ހޭދަ އެވެ. ކޮމްބެޓް އެންޑް މެނޫވާ ފޯސަސް އަށް 910 މިލިއަން ރުފިޔާ ހޭދަކުރާ އިރު ކޮމްބެޓަންޓް ކޮމާންޑްސްއަށް 79 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފަ އެވެ. މި އަހަރުގެ ބަޖެޓާ އަޅާ ބަލާ އިރު އެ ތިން ބަޔަށް ޑިފެންސް މިނިސްޓްރީގެ ބަޖެޓުން ކުރާ ހޭދަވެސް ވަނީ ގާތްގަނޑަކަށް 20 ޕަސެންޓް އިތުރުވެފަ އެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި އަދާކުރަން ޖެހޭ އަހަރެވެ. އެގޮތުން އެއް ފަހަރާ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ.