31 އޮކްޓޯބަރ 2025 - 13:31

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ކެޕިޓަލް ހަރަދުގެ ތެރެއިން ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުން ޕްރޮޖެކްޓްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވަނީ 9.3 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އެއީ ޖުމްލަ ބަޖެޓުގެ 14 ޕަސެންޓެވެ. އަންނަ އަހަރަށް ލަފާކޮށްފައިވަނީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބިން ހިއްކުމާއި އިމާރާތް ކުރުމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ އާންމު ބޭނުންތަކަށް އަޅާ އިމާރަތްތަކަށެވެ. އެފަދަ މަޝްރޫއުތަކަށް 2.3 ބިލިއަން ރުފިޔާ ހޭދަކުރެ އެވެ. މީހުން ދިރިއުޅެން އަޅާ އިމާރާތްތަކަށް 1.3 ބިލިއަން ރުފިޔާ ހޭދަ ކުރެ އެވެ. އެ ބަޖެޓުން ދެން ހޭދަކުރަނީ ބިން ހިއްކައި ބިން ގަތުމަށެވެ. އެފަދަ މަޝްރޫއުތަކަށް 277 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކެޕިޓަލް ހަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ވަކި ވަކި ތަފްސީލުތަކެއް މިއަހަރުގެ ބަޖެޓުގައި ވެސް ނެތެވެ. ހަމައެކަނި ހާމަކޮށްފައިވަނީ މަޝްރޫއުތަކަށް ކުރާ ހޭދަތަކަށް ޖުމްލަކޮށް ހިނގާނެ ހަރަދުތަކެވެ.
ބިން ހިއްކުމާއި އިމާރާތް ކުރުމުގެ އިތުރުން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް 4.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އިންސްފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ އެންމެ ބޮޑު ހޭދައެއް ކުރަނީ މަގު ހެދުމާއި ބްރިޖް އެޅުމަށެވެ. އެފަދަ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ކެޕިޓަލް ހަރަދުގެ ތެރޭގައި އަހަރުގެ ކޮންޓިންޖެންސީ ނުވަތަ ކުއްލި ހާލަތްތަކާއި ހާއްސަ ހާލަތްތަކުގައި ބޭނުން ކުރަން ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދު ވެސް ހިމަނާފައިވެ އެވެ. އާންމު ގޮތެއްގައި ބަޖެޓުގެ ކޮންޓިންޖެސީ އަދަދު ހިމަނަނީ އާންމު ހަރަދުތަކުގެ ބޭރުންނެވެ. އެކަމަކު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެ ހަރަދު ވެސް ހިމަނާފައިވަނީ ކެޕިޓަލް ހަރަދުގެ ތެރޭގަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 400 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ކުރާ ހޭދައިގެ ގޮތުގައި ވެސް 780 މިލިއަން ރުފިޔާ ކެޕިޓަލް ހަރަދުގެ ބަޖެޓުން ހޭދަކުރަން ހިމަނާފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ކެޕިޓަލް ހަރަދުގެ ތެރޭގައި ކޮންޓިންޖެންސީ ބަޖެޓާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ކަނޑައަޅާފައިވާ އަދަދު ނުހިމަނާ މަޝްރޫއުތަކަށް އެކަނި ކަނޑައަޅާފައިވަނީ 8.1 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ތަރައްގީގެ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުން ހޭދަކުރަނީ ޖުމްލަ ބަޖެޓުގެ 13 ޕަސެންޓެވެ.