31 އޮކްޓޯބަރ 2025 - 11:58

ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
ގާތްގަނޑަކަށް ތިން މިނެޓުގެ އެ ޓްރެއިލާގައި ދައްކާ ގޮތުން ފަސްވަނަ ސީޒަންގައި ދައްކާނީ އެ ސީރީޒްގެ ވިލަން ވެކްނާ ބަލިކުރަން ހިންގާ އެންމެ ފަހު ތަޅާލުންގަނޑެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އެޕިސޯޑުތައް ގެނެސްދެނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި އަންނަ ނޮވެމްބަރު މަހުގެ 26 ގައި ސްޓްރީމްކުރަން ފަށާއިރު، ދެވަނަ ބައި ގެނެސްދޭނީ އަންނަ ޑިސެމްބަރު މަހު 25 ގަ އެވެ.
އެންމެ ފަހު އެޕިސޯޑު ގެނެސްދޭނީ އާ އަހަރާ ދިމާކޮށް އަންނަ ޑިސެމްބަރު މަހުގެ 31 ގަ އެވެ.
ނެޓްފްލިކްސް އިން ވަނީ ފަހު އެޕިސޯޑް ސްޓްރީމްކުރާ ދުވަހު އެމެރިކާގެ ބައެއް ތިއޭޓަރުތަކުގައި ވެސް އެ އެޕިސޯޑް ސްޓްރީމްކުރަން ނިންމައިފަ އެވެ.
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގައި 8 އެޕިސޯޑު ގެނެސްދޭން ނިންމާފައިވެ އެވެ. އެއް އެޕިސޯޑް ގަޑިއިރަކަށް ވުރެ ކުރުވި ނަމަވެސް ބާކީ އެޕިސޯޑުތައް ގަޑިއިރަކަށް ވުރެ ދިގުވާނެ އެވެ. އަދި އެންމެ ފަހު އެޕިސޯޑް ދެ ގަޑިއިރަށް ވުރެ ދިގުވާނެ އެވެ.
ހޮލީވުޑްގެ ކުޅަދާނަ ދެ ޑައިރެކްޓަރުން/ޕްރޮޑިއުސަރުން ކަމަށްވާ ދަ ޑަފާ ބްރަދާސް އުފައްދާފައިވާ "ސްޓްރޭންޖާ ތިންގްސް" އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ "ގްލޯބަލް ހިޓް" ސީރީޒެކެވެ. ނެޓްފްލިކްސް އިން 2016 ވަނަ އަހަރު ފެށި މި ސީރީޒަކީ އެ ޕްލެޓްފޯމުން މިހާތަނަށް ވެސް ގެނެސްދިން އެންމެ ކާމިޔާބު ސީރީޒެވެ.