31 އޮކްޓޯބަރ 2025 - 07:53

ހއ. ހޯރަފުށީގެ ތަރައްގީގެ އެންމެ ޝަރަފުވެރި އައްޑަނަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރޭ އަރުވައިފި އެވެ.

"ހޯރަފުށި ދުވަސް" ފާހަގަކުރަން އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި "ސިރީނަވަރަންނަ އައްޑަނަ" ކުރީގެ ރައީސް އިބޫއާ ހަވާލު ކޮށްދެއްވީ އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.

ރޭގެ ޖަލްސާގައި އިއްވި ގޮތުން ނަމަ އެއް ވެރިކަމެއްގެ ފަސް އަހަރުގެ މުއްދަތުގައި އެއް ރަށަކަށް "މިލިއަން މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއުތައް" ފަހިވި ހަމައެކަނި ރަށަކީ ހޯރަފުއްޓެވެ. އެ ގޮތުން އިބޫގެ ވެރިކަމުގައި އެ ރަށަށް ބިޔަ 16 މަޝްރޫއެއް ފަހިވިކަން ރޭ އިއުލާން ކުރި އެވެ.
ސިރީނަވަރަންނަ އެވޯޑަކީ "ހޯރަފުށި ދުވަސް" ޖަލްސާގެ އެންމެ ޝަރަފުވެރި އެވޯޑު ވެސް މެ އެވެ. އެ އެވޯޑް ރަމްޒު ކޮށްދެނީ ދިހުން ގަދަ އަދި ވިދުން ގަދަ ނުވަ ޖަވާހިރަށް ކަމަށް އެ ޖަލްސާގައި އިއުލާންކުރި އެވެ.
ހޯރަފުށީގެ ގިނަ ބަޔަކު ހާޒިރުވި ޖަލްސާގައި ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވި ގޮތުގައި، އެ ރަށުގެ ތަރައްގީގެ ބާނީއަކީ ކުރީގެ ރައީސް އިބޫ އެވެ. އޭނާ ވިދާޅުވީ، ހޯރަފުށީގެ "ހަގީގީ ކިންގް" އަކީ ވެސް އިބޫ ކަމަށެވެ.
"މަނިކުފާނުގެ ވެރިކަމުގައި މި ރަށް ދިޔައީ ތިޔާގިވެ، ކުރިއަރައިގެން. ވަޒީފާގެ ދޮރުކޮޅުތައް އިންތިހާ އަށް ހުޅުވެމުން. ތަރައްގީ އާއި ތަމައްދުންގައި އަޅުގަނޑުމެންގެ ރަށް ދިޔައީ ރޯޝަންވެ، އުޖާލާވަމުން،" އިބޫ އަށް ތައުރީފު އޮއްސާލައްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވި އެވެ.
"ހޯރަފުށީގެ މުސްތަގުބަލަށްޓަކައި މަނިކުފާނު ގެނެސްދެއްވި ބިޔަ މަޝްރޫއުތަކުގެ ހަގީގީ ތަރައްގީގެ އަގުވަޒަން ކުރާނެ ގޮތެއް ނެތް. މަނިކުފާނުގެ ވެރިކަމުގައި އެތައް ސަތޭކަ، އެތައް މިލިއަން، ބިލިއަން ރުފިޔާގެ 16 މަޝްރޫއަށް ވުރެ ގިނަ ޕްރޮޖެކްޓް އެ ފަސް އަހަރު ދުވަހުގެ ތެރޭގައި މަނިކުފާނު މި ހޯރަފުއްޓަށް ފަހިކޮށްދެއްވިއޭ އިނގޭތޯ."
ޝަރަފުވެރި އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު، އިބޫ ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ހޯރަފުއްޓަށް ބޮޑެތި ތަރައްގީތަކެއް ފަހިވީ، ސަރުކާރުގައި މަސައްކަތް ކުރި ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަން ފާހަގަކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހިތުން މި ޝަރަފު ހަައްގުވަނީ އެ ހުރިހާ ބޭފުޅުންނަށާ އެކީގައި. އަދި ހާއްސަކޮށް ހޯރަފުއްޓަށް ތަރައްގީ ގެނައުމަށްޓަކައި މި ރަށުގެ ދަރިއެއް ކަމަށްވާ، އޭރު ތިޔަބޭފުޅުން ރައްޔިތުންގެ މަޖިލިހުގައި ތަމްސީލް ކުރައްވަމުން ގެންދެވި އަހުމަދު ސަލީމް ރެއާއި ދުވާލު އެ ކުރެއްވި މަސައްކަތް އެއީ މި ދެކޭ ތަރައްގީގެ ހަމަގައިމު ވެސް އެއް ދަލީލް،" އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިހުގައި ހޯރަފުށި ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި ސަލީމް އެ ގޮތުގައި މަސައްކަތް ނުކުރެއްވި ނަމަ އެ ރަށުގެ ރައްޔިތުން ބޭނުންވާ ހަލުވި ސްޕީޑުގައި އެ ތަރައްގީ ނުގެނެވުމަކީ އެކަށީގެންވާ ކަމެކެވެ.
އިބޫ ވިދާޅުވީ، އެ މަނިކުފާނުގެ ކުރިފުޅުމަތީގައި އޭރު އޮތީ މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ބުރަ މަސައްކަތް ކަމަށެވެ. ދުނިޔެ 21 ވަނަ ގަރުނުގައި އޮތް އިރު، ސާފު ބޯފެން ނުލިބޭ ރަށްރަށް ރާއްޖޭގައި ހުރި ކަމަށާއި ފެނާއި ނަރުދަމާގެ ގާއިމް ކޮށްދޭނެ ކަަމަށް އެ މަނިކުފާނުގެ ސަރުކާރުން ބުނުމުން އެ ކަމަށް ޖޯކު ޖެހި ބަޔަކު ވެސް ތިބި ކަމަށެވެ.
"އެމެރިކާގައި އެބަތިއްބޭ ގާތްގަނޑަކަށް 10 ޕަސެންޓު ވަރު މީހުން ސާފު ބޯފެން ނުލިބޭ. ކީއްކުރަންހޭ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެން ދޭންވީ؟ މިއީ ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ދެއްކެވުނު ވާހަކަ،" ރޭގެ ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ބޭރު ގައުމަކުން ނަމޫނާއެއް ނޫނީ މިސާލެއް ނަގާ ކަމަށް ވަންޏާ ނަގަން ޖެހޭނީ އެ ތަނެއްގައި ރަނގަޅު ކަންތައްތަކަށް ބަލާފައި. އެމެރިކާގައި ތިބި ރައްޔިތުންނަށް ސާފު ބޯފެން ނުލިބުނީމާ އޭގެ މާނައަކީ އަޅުގަނޑުމެން އެކަން ނުކޮށް ތިބެންވީކީއެއް ނޫން. އަޅުގަނޑު މަސައްކަތް ކުރީ އެ ގޮތަށް."
އިބޫ ވިދާޅުވީ، ސާފު ބޯފެނާއި ނަރުދަމާ ގާއިމް ކޮށްދިނުމުގެ މަސައްކަތްތައް ފަށައިގަނެ، މިހާރު ވަރަށް ގިނަ ރަށްރަށަށް އެ ހިދުމަތް ލިބެމުން އަންނަ ކަަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން 2023 ގައި ނުގެއްލި މި ހިސާބަށް އައި ނަމަ މުޅި ރާއްޖެ އަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ހޯރަފުއްޓަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދިން މީހުންނަށް އެވޯޑު ދިނުމަށް ބޭއްވި "ހޯރަފުށި ދުވަސް" ޖަލްސާގައި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.