31 އޮކްޓޯބަރ 2025 - 06:29

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެ ޕާޓީގެ ދެ ނައިބު ރައީސުންގެ މަގާމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ރޭ ހޮވިވަޑައިގެންފި އެވެ.

އެ ތިން މަގާމަށް ވެސް އިތުރު އެއްވެސް މެމްބަރަކު ކުރިމަތިލާފައި ނުވުމުން، އެ ބޭފުޅުން އެ މަގާމުތަކަށް ހޮވިވެވަޑައިގެންފައިވާކަން، ޕީއެންއެފް އުފެއްދުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި އިއުލާނުކުރި އެވެ..
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލްކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހޮވިވަޑައިގެންފައިވަނީ ވެސް އިތުރު މެމްބަރަކު ކުރިމަތިނުލާތީ، އިންތިހާބަކާ ނުލަ އެވެ.
ޕީއެންއެފްގެ ޓްރެޝަރާގެ މަގާމަށް އަހުމަދު މުސްތަފާ މުހައްމަދު އަދި ރަޖިސްޓްރާއަކަށް އަލީ ޝިޔާން ނާޝިދު ރޭ ވަނީ އިންތިހާބުކޮށްފަ އެވެ.
މީގެ އިތުރުން، ޕީއެންއެފްގެ ސެނެޓަށް (ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލް) އަށް 14 ބޭފުޅަކު ވެސް ރޭ ކޮންގްރެސްގައި އިންތިހާބުކުރި އެވެ. އެއީ:
1. އާދަމް އާސިފް
2. އަހުމަދު ފަޔާޒް އަލީ (ޕާޕާ)
3. އަބްދުﷲ ސަމަދު
4. ޝަރީފާ ސައީދު
5. ހަލީމަތު ޒުހައިރާ
6. އަލީ ޝާހް
7. ނާއިފް ޝައުކަތު
8. ފާތިމަތު ރަހްމާ
9. މުހައްމަދު އަބްދުއްލަތީފް
10. އަދްލީ އިސްމާއިލް
11. އަބްދުﷲ ސަހީލް ޖަލީލް
12. މުހައްމަދު މައިޒަރު އަހުމަދު ޒާހިރު
13. ޑރ. އަބްދުﷲ އިބްރާހިމް
14. އައިޝަތު ހަފީޒް
ޕީއެންއެފްގެ ސެނެޓަށް ނުވަތަ އެ ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލްގެ އިންތިހާބަށް 40 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.
ޕީއެންއެފަކީ ޔާމީނު އިސްވެ ހުންނަވައި، އުފެއްދި ޕީޕީއެމާއި ހަމަ އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދި ޕީއެންސީ އެކުވެގެން މިދިޔަ ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވުމާ އެކު، އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން އުފެއްދި ޕާޓީ އެކެވެ.
ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީގެ ގިނަ މެންބަރުން ޕީއެންސީ އަށް ބަދަލުވެ، ޕީޕީއެމް ވަނީ ފަހުން އުވާލައިފަ އެވެ.