31 އޮކްޓޯބަރ 2025 - 06:43

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުން ހުއްޓުވަން "ސިޔާސީ ދައުވާތަކެއް" ކޮށްގެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން އޮންނާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އުފައްދަން އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ދައުވާތަކުގެ ސަބަބުން، ދެން އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ނަން ނޯންނާނެ ކަމަށް ސަރުކާރުގެ ތެރެއިން އެކި ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
"އެކަމަކު އަޅުގަނޑަށް ވަރަށް ޝުއާ އަޅުގަނޑުގެ ކޭސް އާ ދޭތެރޭގަ... ހަމަ ކަށަވަރުކަން [ސަރުކާރަށް ތާއީދުކުރާ އެކި ފަރާތްތަކުން] ދެމުން އެ އަންނަނީ، ރައީސް ޔާމީންގެ ނަމެއް ވޯޓު ކަރުދާހުގައެއް ނޯންނާނެއޭ. އެހެންވެއްޖެއްޔާ އެ ވޯޓު ކަރުދާސް ދިވެހިރާއްޖެއަކު ނޫން ޗާޕުކުރާނީ،" ޔާމީން ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ."
ވެރިކަން ހިންގުމުގެ މުޅި ނިޒާމު، "ސަރުކާރުގެ މުށުތެރެއަށް" ލާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށާއި މިނިވަން މުއައްސަސާތަކުގެ އިތުރަށް މީޑިއާތަކަށް ވެސް ޔާމީންގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ޕީއެންއެފް އުފެދިގެން މި ދިޔައީ، ސިޔާސީ ވެރިން ފެއިލުވެ، ރައްޔިތުންގެ ހައްގުގައި ބަހެއް ބުނަން ވެސް ނުކުޅެދިފައި ތިބި ވަގުތެއްގަ އެވެ.
މިގޮތުން، މީޑިއާތަކަށް ދައުލަތުން ފައިސާދީ، ޑިމޮކްރަސީގެ ހަތަރުވަނަ ބާރު "އަޅުވެތި" ކޮށްފައިވާ ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.
"މި އުފަންވެގެން މި ދިޔައީ ވަރުގަދަ ޕާޓީއެއް. ސަރުކާރު ޖަވާބުދާރީ ކުރުވައި، އުފަންވެގެން މިދިޔައީ، ރައްޔިތުންގެ މަސްލަހަތު އެންމެ މަތީ ދަރަޖައަކަށް ހިމާޔަތް ކޮށްދޭނެ ޕާޓީއެއް،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ އެއްވެސް މީހެއްގެ ފޮޓޯ ދައްކައިގެން ނޫން ކަމަށާއި އެކަން އެހެންވީ ރައްޔިތުންގެ ތާއީދު އޮތީމަ ކަމަށެވެ.