30 އޮކްޓޯބަރ 2025 - 23:25

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމަށް ކެޕިޓަލްގެ ގޮތުގައި އަންނަ އަހަރު ދޫކުރާ ފައިސާ 88 ޕަސެންޓު ކުޑަކުރަން ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، މި އަހަރުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށް 2.47 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.
މިދިޔަ އަހަރު އެ ކަމަށް ހޭދަކޮށްފައިވަނީ 1.59 ބިލިއަން ރުފިޔާ އެވެ.
ކެޕިޓަލްގެ ގޮތުގައި މި އަހަރު އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ޓްރޭޑްނެޓް ކުންފުންޏަށެވެ. އެ ކުންފުންޏަށް މި އަހަރު 612 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ބަޖެޓު ފޮތުގައި ބުނެފައި ވެ އެވެ. ދެވަނައަށް އެންމެ ގިނައިން ކެޕިޓަލް ދޭ ސްޓެލްކޯ އަށް 500 މިލިއަން ރުފިޔާ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 389 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭނެ އެވެ.
ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރު ކުންފުނިތަކަށް ދޭން ހިމަނާފައިވަނީ 314.9 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރު ދޫކުރަން ހަމަޖެހިފައިވާ އަދަދުގެ 12 ޕަސެންޓެވެ.
އަންނަ އަހަރު ކެޕިޓަލްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދޭން ކަނޑައަޅާފައިވަނީ، ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. އެ ކުންފުންޏަށް އަންނަ އަހަރު 270 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ވަނީ ކަނޑައަޅައިފަ އެވެ.
އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅަފައިވާ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ވުރެ 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓު އިތުރުވި އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރަށް ދައްކަން ޖެހޭ ދަރަނި އިތުރުވުމެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރީލްގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކު ސަރުކާރުން އަނބުރާ ދައްކަން ޖެހެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް މި ސަރުކާރުން ދައްކަން ޖެހެ އެވެ.