30 އޮކްޓޯބަރ 2025 - 16:49

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ ތިން މީހުންގެ އިތުރުން ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދާއި މިހާތަނަށް ހައްޔަރުކުރި އެމްޕީއެލްގެ ތިން މުވައްޒަފުންގެ ތެރެއިން އަހުމަދު ފިރުޝާން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން މިއަދު އެންގި އެވެ.
އާއްޓޭ އާއި މުއާޒު އަދި ޒިވާރު ވެސް ޝަރީއަތް ނިމެންދެން ބަންދުކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންދުކޮށް، ތަހުގީގުގެ ބޭނުމަށް ކޯޓުން ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ގެންދިއުމުންނެވެ. ދޯނީގެ ކެޕްޓަން އާދަމް ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އެންގީ އޭނާ ބަންދުކުރަން ކުރިން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުންނެވެ.
އެމްޕީއެލް ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ފިރުޝާން ޝަރީއަތް ނިމެންދެން ބަންދުކުރީ އޭނާ ބަންދުކުރަން ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.
އާއްޓޭގެ އިތުރުން ދެން މި މައްސަލާގައި ހައްޔަރުކޮށްފައިވާ ވިޔަފާރިވެރިއަކީ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ. އޭނާ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 25 ވަނަ ދުވަހު އަމުރުކޮށްފަ އެވެ. ދިގަލީގެ ބަންދަށް ފުރަތަމަ ކޯޓުން ދިނީ 10 ދުވަސް ކަމަށް ވިޔަސް އެ މުއްދަތު ހަމަވާތީ އެ ދުވަހު ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އެވެ.
ދިގައްޔާއި އާއްޓޭ އަށް ކުރަނީ 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރު އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ އެ ދެ ކޮންޓެއިނަރު ވަގަށް ނެގުމުގެ އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ.
ސިނގިރޭޓް ވައްކަމުގެ ތުހުމަތާ ގުޅިގެން ދިގައްޔާއި އާއްޓޭ އާއި މުއާޒާއި ޒިވާރާއި ދޯނީގެ ކެޕްޓަން އާދަމް ވަހީދާއި ފިރުޝާންގެ އިތުރުން ދެން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވަނީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން އެވެ. އެހެންވެ، ސިނގިރޭޓް ވައްކަމުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަތް މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާންދިން ގުރޫޕުގެ ނަމުގައި އެތެރެކުރި ވަގު ސިނގިރޭޓުތަކުގެ މައްސަލާގައި އެންމެ ފަހުން ހައްޔަރުކުރީ އެ ސިނގިރޭޓްތައް ވަގަށް ނެގުމުގައި އެހީތެރިވި އެމްޕީއެލްގެ ތިން މުވައްޒަފެކެވެ. އެއީ ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަމީމް، 42، އާއި ހ. ރުމޭނިއާ، އަހުމަދު ފިރުޝާން، 35، އަދި އައްޑޫ ހިތަދޫ، ޗާންދަނީގޭ، ހުސައިން ސާމިހް، 35، އެވެ.
އޭގެ ތެރެއިން ތަހުގީގުގެ ބޭނުމަށް ޝަމީމާއި ސާމިހު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހަތް ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ ތިން މީހުން ވެސް ތިބީ އެ ވައްކަމާ ގުޅިގެން މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އެމްޕީއެލްގެ ވަޒީފާ އިން ސަސްޕެންޑުކޮށްފަ އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް، އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގިކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކުރި ނުވަ މީހުންނަކީ:
1. އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދު
2. ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ޝަރީއަތް ނިމެންދެން ބަންދު
3. ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް- ޝަރީއަތް ނިމެންދެން ބަންދު
4. ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ- ޝަރީއަތް ނިމެންދެން ބަންދު
5. ވައްކަން "ކާމިޔާބުކުރަން" އެހީވި ކަމަށް ތުހުމަތުކުރާ ހަސަން އަބްދުއްރަހްމާން- ޝަރީއަތް ނިމެންދެން ބަންދު
6. ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު- ޝަރީއަތް ނިމެންދެން ބަންދު
7. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ޝަމީމް- ބަންދުގެ ހަތް ދުވަސް އަދި ހަމަނުވޭ
8. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ފިރުޝާން - ޝަރީއަތް ނިމެންދެން ބަންދު
9. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ހުސައިން ސާމިހް- ބަންދުގެ ހަތް ދުވަސް އަދި ހަމަނުވޭ
މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެ އިން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެމްޕީއެލުން ބުނެފައި ވަނީ އެ ކުންފުނީގެ ހަ މުވައްޒަފަކު ވެސް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ ސިނގިރޭޓް ކޮންޓެއިނަރުތައް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ކޮންޓެއިނަރުތައް ވަގަށް ނެގިކަން ކަސްޓަމްސްއަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.