30 އޮކްޓޯބަރ 2025 - 16:11

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ޖުޑިޝަރީ ދާއިރާ އަށް ދޭ ގްރާންޓުގެ ގޮތުގައި 808 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ޖުޑީޝަރީއަށް މާލީ ބާރުވެރިކަން ދިނުމަށް، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް އެ ދާއިރާ އަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިއުލާން ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ޖުޑިޝަރީއަށް މާލީ ގޮތުންނާއި އިދާރީ ގޮތުން މިހާތަނަށް ނެތް މިނިވަންކަން އަންނަ އަހަރަށް ފާސްކުރާ ބަޖެޓާ އެކު ލިބިގެންދާނެ ބޮޑު ބަދަލެއް ގެނައުމުގެ މަޝްވަރާ ވަނީ ކެބިނެޓުގައި ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުން އަލަށް ޖުޑީޝަރީ އަށް މާލީ މިނިވަންކަން ދިނުމަށް މި އަހަރު ނިންމާފައި ވުމުން، އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ބަޖެޓުގައި އެ ދާއިރާ އަށް ހިނގާ ހަރަދު ވާނީ ގްރާންޓަކަށް ބަދަލުކޮށްފައި ކަމަށެވެ.
އެ ގްރާންޓަކީ މިހާރު އެ ދާއިރާ އަށް ކުރާ ހަރަދަށް ވުރެ 250 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން ސަރުކާރުން ނިންމީ މިދިޔަ މަހު އެވެ. އޭގެ ބޭނުމަކީ ޖުޑިޝަރީ މިހާރަށް ވުރެ މިނިވަން ކަމާ އެކު ހިންގާ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ޖުޑިޝަރީއަށް ގްރާންޓެއް ދޭ އިރު އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އެއީ މި އަހަރަށް ވުރެ ގާތްގަނޑަކަށް ތިން ލައްކަ އިތުރު އަދަދެކެވެ.
އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅަފައިވާ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ވުރެ 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ނަމަވެސް ރައީސް މުއިއްޒު މިއަދު ވިދާޅުވީ، އަންނަ އަހަރަށް ސަރުކާރުން ހުށަހެޅީ މި އަހަރުގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.
"ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާ ނުލައި 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓު އެންމެ ބޮޑު އިސްކަމެއް ދެނީ ސިއްހީ ދާއިރާއަށް ކަމަށް ސަރުކާރުން އިއުލާނުކޮށްފައިވެ އެވެ.