29 މާޗް 2017 - 15:13

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބުރާ މާފުށީ ޖަލަށް ގެންގޮފިސްފި އެވެ.
ކަރެކްޝަނަލް ސާވިސްގެ ވެހިކަލެއްގައި ފުލުހުންގެ ސެކިއުރިޓީ އާ އެކު ނާޒިމް އަނބުރާ ޖަލަށް ގެންދިޔައީ މީގެ އިރުކޮޅެއް ކުރިންނެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ނާޒިމް އަނބުރާ ޖަލަށް ގެންދިޔައީ އެއީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ބޭފުޅަކަށް ވާތީ ކަމަށެވެ.
ނާޒިމަށް ހުކުމް ކޮށްފައި ވަނީ ޖެނުއަރީ 2015 ގައި، ގ. އެނިފްގޭގައި ނާޒިމް ދިރިއުޅޭ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގަ އެވެ.
ނާޒިމްގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ނާޒިމް ހައްޔަރުކުރި މައްސަލަ އޭނާގެ ފަރާތުން އދ. ގެ ވޯކިން ގުރޫޕަށް ވެސް ހުށަހެޅި އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް މެދުވެރިކޮށް ނާޒިމްގެ އާއިލާ އިން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުށަހެޅި މައްސަލަ ބެލުމަށް ފަހު ނިންމާފައިވާ ގޮތުގައި، ނާޒިމްގެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އެހެންވެ، ނާޒިމްގެ މައްޗަށް ހިންގީ މިނިވަން، އިންސާފުވެރި ޝަރީއަތެެއް ނޫން ކަމަށް ވޯކިން ގްރޫޕުން ވަނީ ނިންމައިފަ އެވެ.
"... ކާނަލް ނާޒިމް ވަގުތުން ދޫކޮށްލައި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އޭނާ އަށް އެކަށީގެންވާ ބަދަލެއް ލިބޭނެ ގޮތް ހަދައި ދިނުމަށް ވޯކިން ގްރޫޕުން ދިވެހި ސަރުކާރުގެ ކިބައިން އެދެމެވެ،" އދ. ގެ ވޯކިން ގުރޫޕުން މިދިޔަ އަހަރުގެ ޖެނުއަރީމަހު ނެރުނު ރިޕޯޓުގައި ވެ އެވެ.
ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް، ނާޒިމަށް ހުކުމް ކުރިތާ ދުވަސްތަކެއް ފަހުން ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ. ނަމަވެސް އެ މައްސަލަ ނުބަލަން ފުލުހުން ނިންމާފައިވާ ކަމަށް ނާޒިމްގެ އާއިލާ އަށް ވަނީ އަންގައިފަ އެވެ.