30 އޮކްޓޯބަރ 2025 - 16:03

އެފްއޭއެމްގެ 10،000 އެމެރިކާ ޑޮލަރަށް ހިޔާނާތްވެ، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ކުށް ސާބިތުވެ ވެސް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ސާބިތުވެ އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، 154،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާއަށް ހިިޔާނާތެރިވި ކަމުގެ ކުށް މީގެ ކުރިން ބައްސާމްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
އެ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް މި މަހުގެ 8 ވަނަ ދުވަހު އިއްވާފައިވާއިރު، މިއަދު ބައްސާމްގެ މައްޗަށް ސާބިތުވީ އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ އެވެ.
ދައުލަތުން އެ ދައުވާ ބައްސާމްގެ މައްޗަށް ކުރީ އެ ފައިސާ، މާރުކުރުމުގެ ބަދަލުގައި އޭނާގެ ރެހެންދި ފްލެޓަށް ކުލި ދައްކަން ބޭނުންކުރި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމްގައި ވަނީ ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމުން އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާ ބައްސާމް ބޭނުންކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އެއީ ހިޔާނާތުގެ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވެސް ސާބިތުވާ ކަމަށެވެ.
އެ ފައިސާއިން ބައްސާމްގެ އަމިއްލަ ހަރުދަތައް ކުރުމަށާއި އެހެން މީހުންނަށް ހަރަދު ކުރަން ބޭނުންކޮށްފައިވާ ކަން ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، މަނީލޯންޑާ ކުރުމުގެ ކުށުގައި ސާބިތުކުރަން ޖެހޭ ރުކުންތައް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި، ބައްސާމް ކުށްވެރިވެއްޖެ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. އެއަށް ފަހު އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނެވެ.
ދައުލަތުން އެދުނީ ބައްސާމްގެ މައްޗަށް އެންމެ ބޮޑު އަދަބު އިއްވުމަށެވެ. އެއީ 15 އަހަރަށް ޖަލަށްލުމާއި 50،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ބައްސާމްގެ ފަރާތުން ވަނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން އެންމެ ކުޑަ އަދަބު ދިނުމަށް އެދިފަ އެވެ.
އެ ވާހަކަތަކަށް ފަހު ގާޒީ އިއްވެވީ ބައްސާމް ފަސް އަހަރަށް ޖަލަށްލުމާ އެކު، ލޯންޑާކުރި އަދަދު ކަމަށްވާ 154،000ރ. އިން ޖޫރިމަނާކުރުމަށެވެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް އޭނާގެ މައްޗަށް އަމުރުކުރި އެވެ.
މި މައްސަލާގައި ލޯންޑާކުރި 10،000 ޑޮލަރު، ބައްސާމްގެ އަތުން ނަގައިދިނުމުގެ އަމުރަކަށް ވެސް ދައުލަތުން އެދިފައި އޮތެވެ. ނަމަވެސް، އެ ފައިސާ ބައްސާމްގެ އެކައުންޓްގައި ހުރިކަން ދައުލަތަށް ޔަގީންކޮށްދެވިފައިނުވާތީ، ގާނޫނުގައިވާ ގޮތުން އަމުރު ނެރެދެވެން ނެތް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ. އެ މައްސަލަގައި، ބައްސާމް ގަނެފައިވާ ޕެންޓްހައުސްއެއް ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.