30 އޮކްޓޯބަރ 2025 - 15:50

އަންްނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ދަރަނި އަދާކުރަން ހިމަނާފައި އޮތް 9.3 ބިލިޔަން ރުފިޔާ އަކީ ބަޖެޓްގެ ބައެއް ނޫން ކަމަށާއި އެހެންވެ، އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި މިއަދު އިއްވެވި ބަޖެޓް ބަޔާނުގައިވާ ގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 64.2 ބިލިޔަން ރުފިޔާ އެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ މިއަހަރުގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.
"މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއް. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާ ނުލައި، 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުން ސުކޫކާއި ބޮންޑް ވިއްކައިގެން ނަގާފައިވާ ދަރަނި އަދާކުރަން އަންނަ އަހަރު 9.3 ބިލިޔަން ރުފިޔާ ދައްކަން ޖެހެ އެވެ. އެހެންވެ، މަޖިލީހަަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މިއަދު އެ ދަރަނި ސިފަކުރެއްވީ "މި ސަރުކާރަށް ވާރުތަވި ދަރަނި" ކަމަށެވެ.
"މިއީ 2021 ވަަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިޔަން ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ޖެހިފާ ވާތީ ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް،" ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓްގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. އަދި އެއީ މިއަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ. އަދި އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ އޭޕްރީލްގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ސަރުކާރުން އަނބުރާ ދައްކަން ޖެހެ އެވެ. އަދި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް ސަރުކާރުން ދައްކަން ޖެހެ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުން ވެސް، ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރި އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް 8.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. މިއީ ފަހުގެ ތާރީހެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށް ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.