ރަޝްމިކާ އާއި އަޔުޝްމަންގެ "ތައްމާ" 100 ކްރޯޑް ހަަމަކޮށްފި
ރަޝްމިކާ އާއި އަޔުޝްމަންގެ "ތައްމާ" 100 ކްރޯޑް ހަަމަކޮށްފި

ރަޝްމިކާ މަންދަނާ އާއި އަޔުޝްމަން ކުރާނާގެ އާ ފިލްމު "ތައްމާ"އަށް ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި މަހު 21 ގައި ރިލީޒްކުރި އެ ފިލްމަށް މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 101.10 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ. އެއާ އެކު، މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓަށް އެ ފިލްމު ވަނީ އަރައިފަ އެވެ.

"ސްތުރީ" ކަހަލަ ހޮރޯ ކޮމެޑީ ފިލްމުތައް ގެނެސްދިނުމަށް މަޝްހޫރު މެޑޮކްސް ފިލްމްސްގެ "ތައްމާ"އަކީ 145 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

ވެމްޕަޔާތަކެއް އުޅޭ "ތައްމާ"އަކީ "މުންޖުޔާ" އާއި "ކަކުޑާ" ކަހަލަ ބިރުވެރި ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު އަދިތުޔަ ސަރްޕޮދާރުގެ ފިލްމެކެވެ.

އެ ފިލްމުގައި ރަޝްމިކާ އާއި އަޔުޝްމަން ވެސް ކުޅެނީ ވެމްޕަޔާއެއްގެ ރޯލެވެ. އަދި އެ ފިލްމުގައި ހަމަ ވެމްޕަޔާއެއްގެ ރޯލު ކުޅޭ ނަވާޒުއްދީން ސިއްދިގީއަކީ ފިލްމުގެ ވިލަން އެވެ. އެ ފިލްމުގައި ދައްކަނީ އެމީހުންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކެވެ.

ކްރިޓިކްސް ތައުރީފު ވެސް ކޮންމެވެސް ވަރަކަށް ލިބިފައިވާ އެ ފިލްމުގައި ހާއްސަ ފެނިލުމަކުން ވަރުން ދަވަން އާއި އަބީޝެކް ބެނަރްޖީ ފެނެ އެވެ.