30 އޮކްޓޯބަރ 2025 - 15:10

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ޔޫތު މިނިސްޓްރީން ނިންމި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، އެ ނިންމުން ބާތިލްކޮށް، އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފި އެވެ.
މީޑިއާތަކަށް ދޫކުރާ މާލީ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން އެ ޓީވީއަށް 3.8 މިލިއަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެެ. އެއީ ޖުމްލަ 5.1 މިލިއަން ރުފިޔާ އެވެ. އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާންގެ މަސްލަހަތު އޮންނަ ދަ ޕްރެސްއަށް 1.3 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވެ އެވެ.
ޔޫތު މިނިސްޓްރީން އިއްޔެ އެ އިއުލާން ކުރުމާ އެކު، ބައެއް މީޑިއާތަކުންނާއި އާންމުން ވަނީ ފާޑުކިޔައިފަ އެވެ. އެގޮތުން މަސްލަހަތު ފުށުއަރާ ގޮތަށް މީޑިއާތަކަށް ފައިސާ ދޭން ނިންމާފައިވުމާއި އިންސާފުވެރި އުސޫލެއް ނެތި ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޔޫތު މިނިސްޓްރީން ދެންމެ ގެޒެޓްކުރި އިއުލާނުގައި ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާ އެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަންކަމާއެކު ކުރެވޭނީ އެ ކޮމިޝަނަށް ކަމަށް މިނިސްޓްރީން ދެކޭ ކަމަށެވެ.
އެހެންވެ، ފައިސާ ދޭ އުސޫލާ ގުޅިގެން އެ މިނިސްޓްރީން ކުރި އިއުލާންތައް ބާތިލުކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ ހުރިހާ ކަންކަން އެ ކޮމިޝަނާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.
އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ. އެއީ ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ކަނޑައެޅި ފުރަތަމަ ފަހަރެވެ.