30 އޮކްޓޯބަރ 2025 - 15:12

އަންނަ އަހަރު އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފަ އެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބަޖެޓުގެ ހުސާލާއެއް ދެއްވަމުން، ޒަމީރު ވިދާޅުވީ، އަންނަ އަހަރު އިގުތިސާދީ ދުވެލި، 5.3 ޕަސެންޓު ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، ވިދިގެން އަންނަ ދެ އަހަރު، އިގުތިސާދީ ކުރިއެރުން އެވްރެޖުކޮށް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓުގައި ކަމަށެވެ.
އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، އަންނަ އަހަރާއި މެދުރާސްތާގައިވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
ނަމަވެސް، އަންނަ އަހަރު ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ސީދާ އަދަދެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 ޕަސެންޓުގެ ކުރިއެރުމެކެވެ.
އަންނަ އަހަރު، ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓް (ޕީއެސްއައިޕީ) ތަކަށް އަންނަ ވަނަ އަހަރާއި މެދުރާސްތާގައި ހިނގާނެ ކަމަށް ބެލެވޭ ހަރަދަށް ބިނާކޮށް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ އެވަރެޖްކޮށް އަހަރަކު 3.1 ޕަސެންޓުން ކުރިއަރާނެކަމަށް ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އާމްދަނީގައި މި އަހަރުގެ އެންމެ ބޮޑު ތަފާތަކީ، ހިލޭ އެހީ ހިމަނާފައި ނުވުން ކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 31.3 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް 373.6 މިލިއަން ރުފިޔާ އަންދާޒާކުރެ އެވެ.