ފަގީރުން އެހީ ހޯދުމުގައި ބޭނުންކުރާނެ ކާޑެއް ތައާރަފް ކުރަނީ
ފަގީރުން އެހީ ހޯދުމުގައި ބޭނުންކުރާނެ ކާޑެއް ތައާރަފް ކުރަނީ

ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ކަންކަމަށް ދަތިވާ މީހުންނަށް އެހީ ހޯދުމުގައި ބޭނުންކުރާނެ ކާޑެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަކާތު ހައުސް އިން ބުނެފި އެވެ.

ޒަކާތު ހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަގީރުކަމުގައި ތިބި މީހުން ތަނަވަސް ހާލަތަކަށް ގެނައުމަކީ އެ އިދާރާގެ ވަރަށް މުހިއްމު މަގުސަދެއް ކަމަށާއި އެހެންވެ ފަގީރުންނަށް ހާއްސަކޮށް ބެނެފިޝަރީ ކާޑެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ކާޑު ތައާރަފު ކުރުމުން، އާސަންދައިން ކަވަރުނުކުރާ ސިއްހީ ހިދުމަތްތައް ޒަކާތު ފަންޑުން ލިބޭނެ ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.

އޭގެ އިތުރުން ރޯދަ މަހު ކާބޯތަކެތި ގަތުމާއި ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް އެ ކާޑު މެދުވެރިކޮށް ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ލިބޭނެ ކަމަށް ޒަކާތު ހައުސްގެ ބަޔާނުގައި ބުންޏެވެ.

މުދަލު ޒަކާތާއި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 2،852 މީހުން ހިމެނެ އެވެ.

ޒަކާތު ހައުސް ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި އިދާރާއެއް އުފެއްދެވުމަށް ފަހު އެ އިދާރާއިން ވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ވެސް ނިންމައިފަ އެވެ.

މިއަދު ޒަކާތު ހައުސްއިން ވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބުމަށް ފަހު ޑައުން ޕޭމަންޓް ނުދެއްކި ތިބި މީހުންނަށް ޒަކާތު ފަންޑުން އެ ފައިސާ ދައްކައިދޭން ވެސް ނިންމައިފަ އެވެ.