ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނަށް ފްލެޓް ޑިޕޮސިޓް ދައްކަން ޒަކާތު ފަންޑުން ފައިސާ ދެނީ
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނަށް ފްލެޓް ޑިޕޮސިޓް ދައްކަން ޒަކާތު ފަންޑުން ފައިސާ ދެނީ

ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބުމަށްފަހު ޑައުން ޕޭމަންޓް ނުދެއްކި ތިބި މީހުންނަށް ޒަކާތު ފަންޑުން އެ ފައިސާ ދައްކައިދޭން ޒަކާތު ހައުސްއިން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ހައުސްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ބައެއް ފަގީރުންނަށް ސަރުކާރުން ދޭ ފްލެޓް ލިބުނު ނަމަވެސް އެތަނަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންވެ، އެކަން ޒަކާތު ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު އެ މީހުންނަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ނުވަތަ ޑިޕޮސިޓް ދައްކައިދޭން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެގޮތުން 14 މީހަކު ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 340،000ރ. ޒަކާތު ފަންޑުން ދައްކައިދޭން ވަނީ ނިންމައިފަ އެވެ. އެ ފައިސާ ދައްކަން ނިންމާފައިވަނީ އެ މީހުންގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި ޒަކާތު ހައުސްއިން އެ ފައިސާ ދައްކާ ގޮތަށެވެ.

އެއަށްފަހު އެ މީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ނިންމާފައިވާ ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.

މުދަލު ޒަކާތާއި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 2،852 މީހުން ހިމެނެ އެވެ.

ސޯޝަލް ހައުސިން ފްލެޓްތަކަށް ޑައުން ޕޭމަންޓް ދައްކައިދޭން ޒަކާތު ހައުސިންއިން ނިންމިއިރު، ހުޅުމާލޭ 2 ގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންނަށް ފްލެޓްތައް ހަވާލުކުރަން ޑައުން ޕޭމަންޓް ދައްކަން ދަނީ އަންގަމުންނެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރި ފްލެޓުތަކަށް ފެނާއި ކަރަންޓުގެ ހިދުމަތްދީ މިދިޔަ މަހު ވަނީ އެ ތަންތަން ހަވާލުކުރަން ފަށައިފަ އެވެ. މިހާރު އޭގެ ބައެއް ފްލެޓްތަކުގައި އާއިލާތައް ދިރިއުޅެމުން ވެސް އެބަދެ އެވެ.

ޒަކާތު ހައުސް ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި އިދާރާއެއް އުފެއްދެވުމަށްފަހު އެ އިދާރާއިން ވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ވެސް ނިންމައިފަ އެވެ.