މަލައިކާ ހަނދާން ނައްތާލައި އަރްބާޒް ލޯބިވެރިޔަކު ހޯދައިފި
މަލައިކާ ހަނދާން ނައްތާލައި އަރްބާޒް ލޯބިވެރިޔަކު ހޯދައިފި

ފިލްމު އެކްޓަރު އަރްބާޒް ޚާން އާއި މަލައިކާ އަރޯރާ ޚާން 17 އަހަރުވީ ކައިވެންޏަށް ނިމުމެއް ގެންނަ ކަން މިދިޔަ އަހަރު އިއުލާން ކުރުމާ އެކު ފިލްމު އިންޑަސްޓްރީއަށް ލިބުނީ ސިހުމެކެވެ. އަދި މާ ގިނަ ދުވަހެއް ނުވެ ދެ މީހުން އަލުން ސުލްހަވެދާނެ ކަމަށާއި ވަރިއަކާ ހަމައަކަށް ނުދާނެ ކަމަށް ވެސް އެދުވަސްވަރު ގިނަ ބަޔަކު ބުންޏެވެ. މި ދެ މީހުން އެކުގައި އާއިލީ އެއްވުންތަކާއި ޕާޓީތަކުން ފެންނަމުން ދިއުމާ އެކު ވަރިވުމުގެ ކަންތަކަކީ މާ ސީރިއަސް ކަމެއްގެ ގޮތުގައި ގިނަ މީހުންނަކަށް ގަބޫލެއް ނުކުރެވުނެވެ.

ނަމަވެސް ދާދިފަހުން ޑީއެންއޭ ނޫހަށް އަރްބާޒް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި މަލައިކާ އާއި އޭނާ އަލުން ގުޅުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. އޭނާ ބުނި ގޮތުގައި ސުލްހަ ވެވޭނެ ނަމަ މައްސަލަ ޖެހުނުތާ ހައެއްކަ މަސް ނުވަތަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެވުނީހެވެ. ނަމަވެސް މިހާރު ދެ މީހުން ވަކިވާން ނިންމިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާތީ އެފަދަ ފުރުސަތެއް ދެން އިތުރަށް ނެތް ކަމަށް އަރްބާޒް ގަބޫލު ކުރެ އެވެ.

މަލައިކާއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަން އަރްބާޒް ބޭނުމެއް ނޫނެވެ. އޭނާ ބުނީ ވަރިވާކަން އިއުލާން ކުރުމަށްފަހު ވެސް ސުލްހަވެގެން އެނބުރި އައުމުގެ ފުރުސަތު މަލައިކާ އަށް ހުޅުވާލާފައި ބޭއްވި ކަމަށެވެ. ނަމަވެސް ދެ އަހަރުވީއިރު ވެސް މަލައިކާ އެކަމަށް ބޭނުން ނުވުމުން މިހާރު އޭނާ ވެސް މަލައިކާ އަށް އިންތިޒާރުކުރުން ހުއްޓާލައި އާ ލޯބިވެރިޔަކު ހޯދާފައި ކަމަށް ބުންޏެވެ.

އަރްބާޒް ރައްޓެހިވެގެން އުޅެނީ ޔެލޯ މެހެރާ ނަމަކަށް ކިޔާ މީހަކާ ކަމަށް އިންޑިއާގެ ނޫސްތަކުން ކުރިން ރިޕޯޓް ކޮށްފައި ވިޔަސް އެއީ ދޮގެއް ކަމަށް އޭނާ ބުންޏެވެ. އަރްބާޒް އާއި ޔެލޯގެ ވާހަކަ ދެކެވެން ފެށީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޔެލޯ އާއި އޭނާގެ ފޮޓޯތަކެއް މާ ގިނަގިނައިން ޕޯސްޓްކުރަން ފެށުމުންނެވެ.

ޔެލޯއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއްނެތް ކަމަށާއި ޔެލޯ އަކީ ހަމައެކަނި ގާތް އެކުވެރިއެއް ކަމަށް އަރްބާޒް ބުންޏެވެ. އަދި އޭނާ ރައްޓެހިވެގެން އުޅެނީ އެހެން މީހަކާ ކަމަށާއި ނަމަވެސް އޭނާގެ ނަން އަދި ހާމަކުރެވެން ނެތް ކަމަށް އަރްބާޒް ބުންޏެވެ.

"މީހަކާ ރައްޓެހިވެގެން އުޅުނަސް މިވަގުތު އަހަންނަށް އިހްސާސް ކުރެވެނީ ސިންގަލް މީހެއްގެ ގޮތަށް. އަލުން އަނެއްކާވެސް އެހެން ކައިވެންޏެއްކޮށްގެން އެފަދަ ދިރިއުޅުމެއް ފަށަން އަދި އަހަރެން ތައްޔާރެއް ނޫން،" އަރްބާޒް ބުންޏެވެ.

މަލައިކާ ވަރިކުރިޔަސް އޭނާ އާއި މަލައިކާގެ އޮންނަ އެކުވެރިކަން ދަމަހައްޓާނެކަމަށް ވެސް އަރްބާޒް ބުންޏެވެ. އެއީ އެމީހުންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅުގެ ހައްގުގައި ކަމަށް އޭނާ ބުންޏެވެ.