30 އޮކްޓޯބަރ 2025 - 11:40

ޔޫރަޕްގެ ވަރުގަދަ 12 ކްލަބަކުން ބައިވެރިވެގެން ބާއްވަން އުޅުނު ޔޫރަޕިއަން ސުޕަ ލީގު ކުރިއަށް ނުގެންދެވުމުން ލިބުނު ގެއްލުމުގެ ބަދަލު ޔޫއެފާ އަތުން ހޯދަން ކޯޓަށްދާން ރެއާލް މެޑްރިޑުން ނިންމައިފި އެވެ.
އިންގްލެންޑާއި އިޓަލީ އަދި ސްޕެއިނަށް ނިސްބަތްވާ 12 ކްލަބުން ވާދަކުރަން އުޅުނު މުބާރާތުގެ އެންމެ އިސް ކްލަބަކީ ރެއާލް މެޑްރިޑެވެ. ޔޫރަޕިއަން ސުޕަ ލީގުގެ ފެޑެރޭޝަން ކޮމިޓީގެ ރައީސަކީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ.
އެމެރިކާގެ ކޮންސޯޓިއަމްއަކާ ގުޅިގެން އެ މުބާރާތް 2023 ގައި ފަށާ ގޮތަށް 2021 ގައި އިއުލާން ކުރި އެވެ. ނަމަވެސް ޔޫއެފާގެ ފިއްތުންތަކާއި ފިޔަވަޅުތަކާ ހެދި ކްލަބަކަށް ފަހު ކްލަބަކުން މުބާރާތުން ވަކިވާން ނިންމި އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އެ މުބާރާތާ ޔޫއެފާއިން ދެކޮޅު ހެދީ ޗެމްޕިއަންސް ލީގަށް ގެންޖެހުން ކުރިމަތިވާނެ މުބާރާތަކަށް ވުމުންނެވެ.
ސުޕަ ލީގުގެ މެންބަރު ކްލަބެއްގެ ގޮތުގައި މިހާރު އޮތީ ވެސް ރެއާލް އެކަންޏެވެ. ވާދަވެރި ބާސެލޯނާއިން ވެސް ދާދި ފަހަކާ ޖެހެންދެން ރެއާލްއާ އެކު ދެމިއޮތެވެ. ނަމަވެސް ރެއާލާ ޖެހުނު މައްސަލަތަކުގެ ތެރޭގައި ބާސާ ވެސް ވަކިވީ އެވެ.
ސުޕަ ލީގުގައި ބައިވެރިވާ ކްލަބްތަކާ ދެކޮޅަށް ޔޫއެފާއިން ފިޔަވަޅު އެޅުމުން، އެ މުބާރާތް ކުރިއަށް ނުގެންދެވި ހުއްޓާލީ އެވެ. އެ މައްސަލަ ހިފައިގެން ރެއާލުން ކޯޓަށް ދިޔަ އެވެ.
ރެއާލުން ކުރި ދައުވާ އަށް ޔޫރަޕިއަން ޔޫނިއަންގެ ކޯޓު (އީސީޖޭ) އިން ހުކުމް ކުރީ މުބާރާތްތައް ބޭއްވުމަށް އޮތް މިނިވަންކަމުގެ ހައްގަށް ފީފާ އާއި ޔޫއެފާ އަށް ހުރަސް ނޭޅޭނެ ކަމަށެވެ.
އެ މައްސަލައިގައި އީސީޖޭއިން ހުކުމް ކުރީ 2023 ގަ އެވެ. ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ޔޫއެފާ އާއި ލަލީގާއިން މެޑްރިޑްގެ ޕްރޮވިންސް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އިއްޔެ ނިންމީ އިސްތިއުނާފުގެ މައްސަލަ ބަލައި ނުގަތުމަށެވެ.
އީސީޖޭއިން ހުކުމް އިއްވާފައިވާ މައްސަލަ ދިރާސާ ކުރަމުންދާތީ އެކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ޔޫއެފާގެ އޮފިޝަލް ބުންޏެވެ.
ޔޫއެފާ އާއި ލަލީގާއިން ހުށަހެޅި އިސްތިއުނާފް މައްސަލަ ބަލައިނުގަންން ކޯޓުން އިއްޔެ ނިންމުމުން، ރެއާލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔޫއެފާގެ ސަބަބުން އެ މުބާރާތް ނުބޭއްވުމުން ކުރިމަތިވި ގެއްލުންތަކުގެ ބަދަލު ހޯދަން ކޯޓަށް ދާން ނިންމާފައިވާ ކަމަށެވެ.
"މި ހުކުމަކީ (ސުޕަ ލީގު ބޭއްވޭ ގޮތް ނުވުމުން) ލިބުނު ގެއްލުމުގެ ބޮޑު ބަދަލެއް ހޯދުމަށް މަގުފަހިކޮށްދޭ ކަމެއް،" ރެއާލުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.