30 އޮކްޓޯބަރ 2025 - 11:36

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލް ބޭއްވުމަށް ޖުމްހޫރީ މައިދާނުގެ ވަށައިގެންވާ މަގުތައް ވަކި ވަގުތުތަކަކަށް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މިލިޓަރީ ޑިސްޕްލޭއަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ރިހާސަލްތައް ބޭއްވުމަށް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:30 އިން 6:00 އަށް އަދި ރޭގަނޑު 11:00 އިން ފެށިގެން ރިހާސަލް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަނދު ފަހަރަށް، ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް ބަންދުވާނެ އެވެ. އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ބަންދުވާނެ އެވެ. ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް އެ މަގު ބަންދުވާނެ އެވެ.
ޗާންދަނީ މަގު ޖުމްހޫރީ މައިދާނާ ހިސާބުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަށައިގެން އޮންނަ ސަރަހައްދަށް އާންމުން ވަނުން ވެސް އެ ވަގުތުތަކުގައި މަނާވާނެ އެވެ.
ސަރުކާރުން ވަނީ ނަސްރުގެ ދުވަހަށް ޖުމްހޫރީ މައިދާން އެއްކޮށް މަރާމާތުކޮށްފަ އެވެ. މަރާމާތަށް ފަހު އެ ދުވަހު އެ މައިދާން އަލުން ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ތާރު އަޅައި އެ މަގު ޒަމާނީ ފެންވަރަށް ހެދުމަށްޓަކާ ހިންގާ މަޝްރޫއުގެ ދަށުން މިހާރު ވެސް ވަނީ ޖުމްހޫރީ މައިދާން ކުރިމަތީގައި އޮންނަ ސަރަހައްދު ބަންދުކޮށްފަ އެވެ. އެކި ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ބައި ނިންމައި ތާރު އަޅަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.