30 އޮކްޓޯބަރ 2025 - 11:20

ދިވެއްސަކަށް އަދާނުކުރެވޭނެ ވަޒީފާއެއް ގައުމީ ބޭންކު، ބީއެމްއެލްގައި މިހާރަކު ނެތް ކަމަށް ސީއީއޯ މުހައްމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރަން ބާސެލޯ ނަސަންދުރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕެއިން ހިންގަމުން އަންނައިރު ވިސްނުމަށް އަންނަނީ އެ ބޭންކު އުފެއްދި ބޭނުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ބީއެމްއެލް އުފެއްދުމަށްޓަކާ ދިވެހި ސަރުކާރާއި ބޭރުގެ ކުންފުންޏަކާ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރި ޚަބަރު މާޗު، 14، 1982 ގައި އޭރުގެ ހަވީރު ނޫހުގައި ގެނެސްދީފައިވާއިރު، އެ ލިޔުމުގައި ވަނީ އެ ބޭންކުގެ މަގުސަދަކީ ހަމައެކަނި ވިޔަފާރީގެ ހިދުމަތް ދިނުން ނޫން ކަމަށެވެ. އެއާ އެކު، ތަރައްގީގެ މަގުގައި އެހީވެވޭނެ ރޮނގުތައް ހޯދުމާއި އެހީވުމަކީ ވެސް ބީއެމްއެލްގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްްއެލް އުފައްދައި، ދިވެހި މުވައްޒަފުންނަށް ތަޖުރިބާ ލިބެންދެން އެ ބޭންކު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރަމުން އައީ މެނޭޖްމެންޓް ކޮންޓްރެކްޓެއްގެ ދަށުން ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ފައިނޭންސް އެންޑް އިންވެސްޓްމަންޓް ކުންފުނިންނެވެ.

ޝަރީފް ވިދާޅުވީ ނޮވެމްބަރު 11، 1982 ގައި ބީއެމްއެލް ހުޅުއްވައި ދެއްވަމުން އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެފައި ވަނީ އެ ބޭންކަކީ ރާއްޖޭގެ މާއްދީ ތަރައްގީއަށް ރަމްޒުކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ.

"އެ ބޭންކުގެ މުހިއްމު ކަމަށް އިޝާރާތް ކުރައްވަމުން ވިދާޅުވެފައި ވަނީ މާލީ އިދާރާއެއް ނެތް ތަނެއްގައި އިގްތިސާދީ ކުރިއެރުން އޮންނާނީ ހުއްޓުމަކަށް އައިސްފައި. މަސައްކަތްތެރިކަން ކުރިޔަށް ގެންދިޔުމުގެ މަގުތައް އޮންނާނީ ބެދިފައި. މި ބޭންކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިއަށް ވަރަށް ގިނަގުނަ ތަރައްގީ އަންނާނެ،" ޝަރީފް ވިދާޅުވި އެވެ.

އެހެންވެ، ދިވެހިންގެ ބޭންކެއް ދިވެހިންނާ ހަމަޔަށް ގެނައުމުގެ ބޭނުމަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމާއި މުޅި ރާއްޖޭގެ މާއްދީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެ ދުވަހު އަޅުގަނޑުމެން ބިދޭސީންނާ ގުޅުނީ ތަޖުރިބާ ހޯދަން. އާދެ އޭގެ 43 އަހަރު ފަހުން މިއަދުގެ ހާލަތަށް ބަލާއިރު ހުރިހާ ދާއިރާއަކުން ވެސް އަޅުގަނޑުމެންގެ ދިވެހި މުވައްޒަފުން މިވަނީ ތައުލީމާއި ތަޖުރިބާ އާއި ޕްރޮފެޝަނަލް ސެޓިފިކޭޝަން ހާސިލްކޮށްފައި،" ޝަރީފް ވިދާޅުވި އެވެ.

"މިއަދު ދިވެއްސަކަށް އަދާ ނުކުރެވޭނެ މަގާމެއް ބޭންކް އޮފް މޯލްޑިވްސްގައި ނެތް."

ބީއެމްއެލްގައި 1،155 މުވައްޒަފުން މަސައްކަތްކުރާއިރު، މިވަގުތު ބިދޭސީ މުވައްޒަފުންގެ ގޮތުގައި ތިބީ އެންމެ ދެ މީހެކެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލްއަކީ ސަރުކާރާއި އެތައް ހާސް ދިވެހި ރައްޔިތުން ހިއްސާވާ ބޭންކަކަށް ވުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ސިނާއަތްތަކާއި ވިޔަފާރިތަކާއި ކޮންމެ ފަރުދަކާ ވެސް ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން ދިވެހިންގެ ފައިދާއަށްޓަކައި ކުރަންޖެހޭ ކަންކަން އެ ބޭންކުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.