30 އޮކްޓޯބަރ 2025 - 11:18

ރިސޯޓްތަކުން އުކާލާ ތެޔޮ ހަލާލް ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ހުރެދާނެ ކަމަށާއި އެއީ ރައްކާތެރި އެއްޗެއް ވެސް ނޫން ކަމަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަނެއްކާވެސް ހަނދާންކޮށްދީފި އެވެ.
އުކާލަން ގެނެސްފައި ހުރި ކުކިން އޮއިލް، ބޮޑެތި ހަންތަކަކުން ފުރާނައިގެން އެހެން އެއްޗިއްސަށް ތެޔޮ އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.
ރިސޯޓްތަކުން އުކާލަން ގެންދާ ތެޔޮ ނަގައިގެން ގެންގޮސް އެއިން ކާބޯތަކެތި ހަދައިގެން ވިއްކުމުގެ މައްސަލަ ވަރަށް ކުރިން ސުރެ ވެސް އޮވެ އެވެ. އަދި އެކަން މަނާކޮށްފައި އޮންނައިރު އެމްއެފްޑީއޭ އިން ވަނީ ފެބްރުއަރީ 14، 2018 ގައި އެކަމާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއް ހަނދާންކޮށްދީ އިންޒާރު ދީފަ އެވެ.
އެމްއެފްޑީއޭ އިން ބުނީ ރިސޯޓް ފަދަ ތަންތަނުން އުކާލާ ތެޔޮ، ކާބޯތަކެތި ހަދަން ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީ އާންމުންގެ ސިއްހަތަށް އޮތް ނުރައްކަލެއްކަން މީގެ ކުރީން ވެސް ހަނދާންކޮށްދީ އެކަން މަނާކޮށްފައި ވާއިރު އެމްއެފްޑީއޭ އިން ބުނީ އެގޮތަށް އުކާލާ ތެލުގައި "ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތައް" ފުރިހަމަ ވެސް ނުވާނެ ކަމަށެވެ.
"...މީގެ އިތުރުން، ރިސޯޓް ފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ތެޔޮ ކަމުގައި ވުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައި ވެސް ދަންނަވަމެވެ." އެމްއެފްޑީއޭގެ ނޫސްބަޔާނުގައިވެ އެވެ.
އެހެންވެ އެމްއެފްޑީއޭ އިން ވަނީ އުކާލާ ތެޔޮ ބޭނުން ނުކުރުމަށް އަނެއްކާވެސް އަންގައި މިފަދަ ތަކެތި ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކާ މެދު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.