30 އޮކްޓޯބަރ 2025 - 10:40

ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމެއް ހިންގުމުގެ ނަމުގައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާ އަނބުރާ ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް އުފުލި ޓެކުމުގެ ކުށުގެ 13 ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގި އެވެ. އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވީ 2023 ގެ ނޮވެމްބަރުގަ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ތިން މީހުންގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ.
އެ މައްސަލަ ރިވިއުކޮށްދިނުމަށް އަލްހާނުގެ ފަރާތުން ކުރިން އެދުނެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިދިޔަ އަހަރު ނިންމެވީ އަލްހާނާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ޝަޒްބާން ފަހުމީ އާއި ސަހުބާން ފަހުމީއަށް ކުރާ ދައުވާތައް ކުރިއަށް ގެންދާށެވެ.
ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް، ދައުވާ ލިބޭ ފަރާތުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަކަށް ބަދަލުދީ ހަލާސްކޮށްފައިވާ ކަމަށް ބަޔާންކޮށް ދައުވާތައް މުރާޖައާކޮށްދިނުމަށް ދައުވާ ލިބޭ ފަރާތްތަކުން އެދިފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ފުލުހުން މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު އެ މައްސަލާގައި ބަދަލު ލިބެންޖެހޭ މީހުންނަށް ބަދަލު ލިބިފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދަން އެ ފަރާތްތަކުން ވެސް ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށް އެ އޮފީހުން ބުންޏެެވެ.
ޕީޖީން ބުނީ ދައުވާތައް އަނބުރާ ގެންދިޔައީ ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެނަށް ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީ އާއި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އެ މީހުން ބުނެފައިވާތީ ކަމަށެވެ.
އެކަމަކު އެ މައްސަލާގައި ބަދަލު ލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން އެ ބައިތަކުގެ ދައުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެެވެ.
ޕީޖީން ބުނީ އެ މައްސަލާގައި ބަދަލު ލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އާއިލާގެ ބައެއް ބޭފުޅުންގެ ކިންގްސް ކެޕިޓަލް ހޯލްޑިން އިން އޮންލައިން ޓްރޭޑިންގެ ނަމުގައި އެތައް ބައެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އޭގެ ތެރެއިން 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދެއްކޭ ހާލަތަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ކިންގްސް އިން ކުރިން ހިންގި ސްކީމުން ވަނީ 1،864 މީހެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއިން ކްރިޕްޓޮ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީގެ މުއާމަލާތްތަކެއް ހިންގައިފަ އެވެ. އަދި ސްކީމްގައި ބައިވެރިވި މީހުންގެ ފައިސާގެ ތެރެއިން ބައެއް، ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކިންގްސް އިން ފޮރެކްސް ޓްރޭޑިން އަށް އިންވެސްޓްކުރި މީހުންނަށް 39 މިލިއަން ރުފިޔާ ޕޭއައުޓްސްގެ ގޮތުގައި ދީފައިވާ ކަމަށާއި، އެކަމަކު ފައިދާ ނުހިމަނާ 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީސްމީހުންނަށް ނުދީ ހުރިކަން ވެސް ފުލުހުންނަށް ލިބިފައިވާ ޑޮކިއުމަންޓްތަކުން އެނގޭ ކަމަށެވެ އެވެ.