30 އޮކްޓޯބަރ 2025 - 09:20

ޓައެކްވޮންޑޯ ވޯލްޑް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ރާއްޖޭން ވާދަކުރުމުގެ ޝަރަފް ފާތިމަތު އިބްރާހީމަށް ލިބިއްޖެ އެވެ.

ޗައިނާގައި މިހާރު ކުރިއަށްދާ ވޯލްޑް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ އެއްވަނަ ޓައެކްވޮންޑޯ އެތުލީޓް ފާތުން ވާދަކުރާނީ 53 ކިލޯގެ ކެޓަގަރީގަ އެވެ.
ޓައެކްވޮންޑޯއަކީ ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އުމުރުން ހަގު އެއް އެސޯސިއޭޝަނެވެ. މާޝަލް އާޓްސްގެ މި ކުޅިވަރު ރާއްޖޭގައި ރަސްމީ ގޮތުން ފެށިތާ ވެސް އަދި ވީ ކުރު މުއްދަތެކެވެ.
އުމުރުން 37 އަހަރުގެ އެތުލީޓް، ފާތުން ވެސް ޓައެކްވޮންޑޯ ފެށީ 2019 ގަ އެވެ. ރާއްޖޭގެ އަންހެން ކެޓަގަރީގެ އެއްވަނަ ފާތުން އަށް މިއީ ހާއްސަ ޝަރަފެކެވެ.
ރާއްޖެ އަށް ލިބުނު ފުރުސަތުގައި، ދިވެހި ދިދަ އުހަށް އުފުލާލައިގެން އޭނާ އެ ދިޔައީ އެ ކުޅިވަރުގައި ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖަށެވެ. ޓައެކްވޮންޑޯގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާ އެއް ސަފެއްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބުމަކީ ދިވެހި ކުޅިވަރުގައި އާ ސޮފްހާ ލިޔެވުނު ދުވަހެއް ކަމަށް ޓައެކްވޮންޑޯ އެސޯސިއޭޝަނުން ދެކެ އެވެ.
ދިވެހި ޓީމުގެ ހުރިހާ ހަރަދެއް ކޮށްދެނީ ދުނިޔޭގެ ޓައެކްވޮންޑޯ ފެޑެރޭޝަނުންނެވެ.
އެއީ ޗައިނާ އަށް ދަތުރުކުރުމާއި މުބާރާތް ބާއްވާ ސިޓީ އަށް ދިއުމުގެ ހަރަދުތަކާއި ހުރުމާއި ކެއުމުގެ ހަރަދުތައް ވެސް ހިމަނައިގެންނެވެ.
އެ ފެޑެރޭޝަންގެ މެންބަރުކަން ރާއްޖެ އަށް ލިބުނީ 2022 ގަ އެވެ.
މުބާރާތުގައި ދިވެހި ޓީމުގައި ހިމެނެނީ ފާތުން އާއި ރާއްޖޭގެ ކޯޗު ނޭޕާލުގެ ޕްރަދީޕެވެ.