ލަންކާއިން "ފްރީ ވިސާ" ދިނުން ގާނޫނީ ސަބަބުތަކާ ހެދި ލަސްވަނީ
ލަންކާއިން "ފްރީ ވިސާ" ދިނުން ގާނޫނީ ސަބަބުތަކާ ހެދި ލަސްވަނީ

ސްރީ ލަންކާއިން 33 ގައުމެއްގެ މީހުންނަށް ހިލޭ ވިސާ ލިބޭ ގޮތް ހަދަން ނިންމައި އިއުލާނުކޮށްފައި ވިޔަސް ގާނޫނީ ސަބަބުތަކާ ހުރެ އަދި އެކަން ތަންފީޒުކުރެވެން ނެތް ކަމަށް ފޮރިން އެންޑް ޓޫރިޒަމް މިނިސްޓަރު ވިޖިތަ ހީރަތު ވިދާޅުވެއްޖެ އެވެ.

އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން (އީޓީއޭ) ހިލޭ ލިބޭ ގައުމުތަކުގެ އަދަދު 40 އަށް އިތުކުރަން ނިންމައި ލަންކާއިން އެކަން އިއުލާނުކުރީ މިދިޔަ ޖުލައި މަހު އެވެ. އެއީ ޓޫރިސްޓުން އިތުރުކުރުމުގެ މަގްސަދާ އެކު ކުރަން ނިންމި ކަމެއް ނަމަވެސް އެ ނިންމުން އަދިވެސް ތަންފީޒުކުރާކަށް ނުފެށެ އެވެ. އެހެންވެ އެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ މީހުން ލަންކާއަށް ދާއިރު ވިސާ ފީ ދައްކަން ޖެހެ އެވެ.

"އާ ގެޒެޓް ނޮޓިފިކޭޝަން މަޖިލީހަށް ހުށަހަޅަން ޖެހޭ،" އަންގާރަ ދުވަހު އޮތް ކެބިނެޓް ބައްދަލުވުމަކަށް ފަހު މިނިސްޓަރު ހީރަތު ވިދާޅުވި ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

"އޭގެ ފަހުން މިކަން ތަންފީޒުކުރަން ފެށޭނެ. މިކަން 1-2 މަސް ތެރޭ ކުރެވޭނެ ކަމަށް މި ބަލަނީ."

"އިކޮނޮމީނެކްސްޓް" ނޫހަށް ހީރަތު ވިދާޅުވެފައިވާ ގޮތުގައި ވިސާ ހިލޭ ނުކުރެވިގެން އުޅެނީ އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފައެއް އޮތުމުން ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިޒާރުކުރަނީ އެޓާނީ ޖެނެރަލްގެ ބަހަކަށް. އެއީ ކުރިން ހެދި އޮންލައިން ވިސާ ސްކީމްގައި ދިމާވީ [ގާނޫނީ] މައްސަލަ ވެސް އޮތީ ނުނިމި،" އޭނާ ވިދާޅުވި އެވެ.

މިހާރު ހިލޭ އީޓީއޭ ލިބޭނީ ޗައިނާ، އިންޑިއާ، އިންޑޮނީޝިއާ، ޖަޕާން، މެލޭޝިއާ، ރަޝިއާ އަދި ތައިލެންޑުގެ އޯޑިނަރީ ޑިޕްލޮމެޓިކް، އޮފިޝަލް އަދި ސާވިސް ޕާސްޕޯޓް އޮންނަ މީހުންނަށް އެކަންޏެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އިންޑިއާގެ ޖީބީއެސް ޓެކްނޮލޮޖީ ސާވިސަސް (ޖީބީއެސް) އާއި އައިވީއެސް ގްލޯބަލް އެފްޒެޑްކޯ (އައިވީއެސް) އާއި ވީއެފްއެސް ގްލޯބަލް ޓެކްނޮލޮޖީ (އައިވީއެސް) ޕާޓްނަރެއްގެ ގޮތުގައި ކޮންޓްރެކްޓްކޮށް އައުޓްސޯސްކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.

ވިސާ ޕްރޮސެސިން އައުޓްސޯސްކުރުމަށް ހެދި އެއްބަސްވުމުގެ ދަށުން ގައުމުން ބޭރުގެ އެއްވެސް މީހަކު ލަންކާއަށް އެތެރެވާ ނަމަ އެ މީހެއްގެ އެޕްލިކޭޝަން ޕްރޮސެސްކުރުމަށް 25 ޑޮލަރު ދައްކަންޖެހޭނެ އެވެ. އޮންއެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ މީހުން ވެސް މި ފީ އަކުން އިސްތިސްނާއެއް ނުވެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ވީއެފްއެސް، އައިވީއެސް އަދި ޖީބީއެސް ކުންފުނިތަކާ އެކު ހެދި ވިސާ އެއްބަސްވުމުގެ ހާއްސަ އޮޑިޓެއް ސްރީ ލަންކާގެ އޮޑިޓާ ޖެނެރަލް، ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ލަންކާއަށް ލިބެންޖެހޭ ބައެއް ފައިސާ އެ ކުންފުނިން ސަރުކާރަށް ދީފައިނުވާ ކަމަށެވެ.

ގްލޯބަލް ވިސާ ފެސިލިޓޭޝަން ސާވިސް (ވީއެފްއެސް) އާ އެކު އެއްބަސްވުން ހެދުމުގެ ކުރިން ވެސް ލަންކާއިން ވެސް ވަނީ ބޭސިކް ވިސާ ފީ ބޮޑުކޮށްފަ އެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަސައްކަތްތައް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގެ ޕްލޭން މިދިޔަ އަހަރުގެ އޭޕްރިލް މަހު އެކުލަވާލި ނަމަވެސް މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ދެ ވަނަ ދުވަހު ކޯޓުން ވަނީ އެކަން ހުއްޓުވާފަ އެވެ.