މަގު ހުރަސްކުރި މީހަކު މަރުވި އެކްސިޑެންޓެއް: ހައި ކޯޓުން ވެސް ނިންމީ ސައިކަލް ދުއްވި މީހާ ކުށްވެރިނުވާ ކަމަށް
މަގު ހުރަސްކުރި މީހަކު މަރުވި އެކްސިޑެންޓެއް: ހައި ކޯޓުން ވެސް ނިންމީ ސައިކަލް ދުއްވި މީހާ ކުށްވެރިނުވާ ކަމަށް

މަގު ހުރަސްކުރި އަންހެނަކު، މީގެ 15 އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި މަރުވި މައްސަލާގައި ސައިކަލް ދުއްވި މީހާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ހައި ކޯޓުން ވެސް ކަނޑައަޅައިފި އެވެ.

މި އެކްސިޑެންޓް ހިނގީ 2010 ވަނަ އަހަރު ބުރުޒު މަގުން މަގު ހުރަސްކުރަމުން ދިޔަ އަންހެނަކާއި އޭނާގެ މާމަ ދަރިފުޅުގެ ގައިގައި ސައިކަލަކުން ޖެހި އެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާއަށް ފަރުވާދެމުންދަނިކޮށް އަންހެން މީހާ މަރުވި އެވެ.

އެ މަރާ ގުޅިގެން ސައިކަލް ދުއްވި މީހާގެ މައްޗަށް އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާ ދައުލަތުން އުފުލި އެވެ. އެކަމަކު، އެ ދައުވާގެ ޝަރީއަތް ހިންގާ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ދައުވާ ސާބިތުނުވާ ކަމަށެވެ.

އެ ކޯޓުން ނިންމީ މަރުގެ ހާދިސާއެއްގައި ހުންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ރުކުންތައް ފުރިހަމަ ނުވާ ކަމަށާއި އެއްވެސް މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ހައި ކޯޓުން މި މައްސަލައިގައި އިއްވި ހުކުމްގައި ބުނީ، ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެކްސިޑެންޓުވި އަދި މަގު ހުރަސްކުރި މީހާ މަގު ހުރަސް ކޮށްފައިވަނީ އެ ކަމަށް ހާއްސަ ކޮށްފައިވާ ތަނުން ނޫން ކަމަށެވެ. އެކްސިޑެންޓު ހިނގި ވަގުތަކީ އެ ސަރަހައްދުގައި ގިނަ ވެހިކަލްތަކެއް ދުއްވަމުންދިޔަ ވަގުތެއް ވެސް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެ އެވެ.

އެކްސިޑެންޓު ހިނގި ވަގުތު މަގު ހުރަސްކުރި މީހާ ހުރި ކަމަށް ފެންނަނީ އެ މަގުން ދުއްވާފައި ދާނެ މީހަކަށް ނުފެނިދާނެ ގޮތަކަށް ކާރެއްގެ ނިވަލުގައި ކަމަށް ވެސް ހުކުމްގައި ބުންޏެވެ. އެހެންކަމުން މަޑުމަޑުން ދުއްވާފައި ދިޔަ ނަމަވެސް، ކާރުގެ ނިވަލުގައި ހުރި މީހަކު އެ ހިސާބަށް އަރާ ހަމަވާ ފަހުން ފެންނަ ހާލަތުގައި އެ މީހެއްގެ ގައިގައި ސައިކަލުން ކޮންމެ ވެސް މިންވަރަކަށް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

ހުކުމްގައި ބުނީ އަންހެން މީހާގެ ބޮލުގެ ފުއްކިބައިގައި ކަނދުރާމަތީގައި ވަރަށް ތިލައިގައި ނާރު ހުންނަ ތަނަކަށް އަނިޔާވެފައިވާ ކަމަށާއި އެއީ ކިތަންމެ މަޑުން ވެއްޓި ޖެހުނު ނަމަވެސް އެ ތަން ޖެހިއްޖެ ނަމަ އެފަދަ އަނިޔާއެއް ވެދާނެ ކަމެއް ކަން ޑޮކްޓަރުގެ ބަހުން އެނގޭ ކަމަށެވެ.

އެކްސިޑެންޓުވުމުގައި މަރުވި މީހާގެ ގައިގައި ސައިކަލުން ޖެހުނީ ގައިގެ ކޮން ތަނެއްގައި ކަން އެނގެެން ނެތް ކަމަށާއި ސައިކަލުން ނުވަތަ އެފަދަ އެއްޗަކުން ޖެހުނު ކަމުގެ ނިޝާނެއް ހުރި ކަމަށް ޑޮކްޓަރުގެ ރިޕޯޓްގައި ފާހަަގަކޮށްފައި ނުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.

މަރުވި މީހާ ވެއްޓުނީ ސައިކަލުން ޖެހިގެންތޯ ނުވަތަ ސައިކަލް އަންނަ ތަން ފެނިގެން އެ ސައިކަލުން ޖެހިދާނެ ކަމަށް ބިރުން، ސިއްސައިގެން ގޮސްތޯ ނުވަތަ އެ ނޫން ވެސް އެހެން ހާލަތެއް މެދުވެރިވެގެންތޯ މިއިން އެއްވެސް ކަމެއް މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކުންނާއި ހެކިންގެ ހެކިބަހުން ދެނެގަނެވިފައިނުވާ ކަމަށް ހުކުމްގައި ބުންޏެވެ.

ހުކުމްގައި ބުނީ އަންހެން މީހާ މަރުވެފައި ވަނީ އެކްސިޑެންޓުގެ ސަބަބުން ދިމާވި ހާލަތަކުން ނުވަތަ އެކްސިޑެންޓާ ގުޅިގެން ކަމަށްވީ ނަމަވެސް، އެކަން ދިމާވުމުގައި ދައުވާ ލިބޭ މީހާގެ ފަރާތުން އޭނާ ދުއްވަމުން ދިޔަ ސައިކަލް ދުއްވާފައިވަނީ ނުރައްކާތެރިކޮށް ކަން ނުވަތަ ފަރުވާކުޑަކޮށް ކަން އެންމެހާ ހެކިންގެ ހެކިބަސް އެކުގައި ޖުމްލަކޮށް ބެލުމުން ވެސް އެނގެން ނެތް ކަމަށެވެ.

އެހެންވެ ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.