ޕޮލިސް ލައިންއަޕް ހަދައިގެން ކުށްކުރި މީހާ ދެނެގަނެވޭ ގޮތް ހަދަނީ
ޕޮލިސް ލައިންއަޕް ހަދައިގެން ކުށްކުރި މީހާ ދެނެގަނެވޭ ގޮތް ހަދަނީ

ކުށް ކުރި މީހާ ދެނަގަތުމަށް ގިނަ ގައުމުތަކެއްގައި އަމަލު ކުރާ ޕޮލިސް ލައިން އަޕް ހެދުމުގެ އުސޫލު ރާއްޖެ އަށް ތައާރަފް ކުރަން ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ބިލެއް ވަނީ ހުށަހަޅައިފަ އެވެ. އެ އިސްލާހުގައި 2022 ވަނަ އަހަރު ފާސްކުރި ގާނޫނަށް އިތުރު ބާބެއް ހިމަނަން ވަނީ ހުށަހަޅައިފަ އެވެ.

"ކާކުކަން އަންގައިދޭ ހެކި"ގެ ނަމުގައި އިތުރު ކުރާ ބާބުގައި ބަޔާންކޮށްފައިވަނީ ހަތަރު ބާވަތެއްގެ ހެކި ޝަރީއަތަށް ގަބޫލުކުރާ އުސޫލުތަކެވެ. އެ ހަތަރު ހެއްކަކީ:

- ޕޮލިސް ލައިންއަފް ހަދައިގެން ހޯދާ ހެކި.

- ފޮޓޯ ލައިންއަޕް ހަދައިގެން ހޯދާ ހެކި.

- ވީޑިއޯ ރެކޯޑިން ދައްކައިގެން ހޯދާ ހެކި.

- އޯޑިއޯ ރެކޯޑިން ދައްކައިގެން ހޯދާ ހެކި.

އަލަށް އިތުރުކުރާ މާއްދާގައި ބުނެފައިވަނީ މި ހަތަރު ބާވަތުގެ ހެކި، ޖިނާއީ ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ދެނެގަތުމަށާއި ވަކި ކުށެއް ކުރީ ވަކި މީހަކު ކަމަަށް ބަޔާންކޮށް ހެކިބަސް ދިން ފަރާތެއް ދިން ހެކި ބަހުގައި ފާހަގަކޮށްފައިވާ ފަރާތެއް ދެނެގަތުމަށް ޓަކައި ޝަރީއަތަށް ގަބޫލު ކުރެވިދާނެ ކަމަށެވެ.

ޕޮލިސް ލައިން އަޕް ހެދުމަކީ ހެކިބަސް ދޭ މީހާ ފާހަގަކުރާ ސިފަތައް ހުރި ނުވަތަ އެ ސިފަތަކާ ގާތްކުރާ ސިފަތަކެއް ހުރި ބަޔަކު ވަކި ތަރުތީބަކުން އަތުރައި، އެފަދައިން އަތުރާފައި ތިބޭ ބައެއްގެ ތެރެއިން ހެކިބަސްދޭ މީހާ ކުށުގެ ތުހުމަތު ކުރެވޭ މީހާ ފާހަގަކޮށްދިނުމެވެ.

އިސްލާހުގައިވާ ގޮތުން ޕޮލިސް ލައިން އަޕް މެދުވެރިކޮށް ހޯދާ ކާކުކަން އަންގައިދޭ ހެކި ޝަރީއަތަށް ބަލައިގަނެވޭނީ، ހެކިބަސް ދޭ މީހާ ކުށް ކުރި ކަމަށް ބެލެވޭ މީހާ ފާހަގަކޮށްފައިވަނީ ވަކި ފަރާތެއް ފާހަގަކުރުމަށް މަގުފަހިވާ ގޮތަށް ގަސްދުގައި އެއްވެސް ނުފޫޒެއް ފޯރުވުމެއް ނެތި، ތިން ހާލަތެއްގަ އެވެ. އެއީ:

1- ވަކި ކުށެއް ކުރީ ވަކި މީހަކު ކަމުގައި ހެކިބަސް ދޭ މީހާ ދިން ހެކި ބަހުން ފާހަގަކުރާ ފަރާތެއް ހެކިބަސް ދޭ މީހާ ދެނެގަނެފައިވަނީ ސީދާ އެ ފަރާތެއް ހިމަނައިގެން ހަދާފައިވާ ޕޮލިސް ލައިންއަޕެއް މެދުވެރިކޮށް ކަމަށްވުން

2- ޕޮލިސް ލައިންއަޕެއް ހެދުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވުން

3- ޕޮލިސް ލައިން އަޕެއްގައި ބައިވެރިވުމަށް ކުށުގެ ތުހުމަތު ކުރެވޭ މީހާ ނުވަތަ ހެކިބަސް ދޭ މީހާ ދިން ހެކިބަހުން ފާހަގަކޮށްފައިވާ ފަރާތެއް އިންކާރުކޮށްފައި ނުވުން.

ޕޮލިސް ލައިންއަޕެއް ހެދުމަކީ ތުހުމަތު ކުރެވޭ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތާ މެދު އިންސާފު ގާއިމް ކުރުމުގެ ގޮތުން ކުރުމަށް އެދެވިގެންވާ ކަމެއް ކަމަށް ނުވާ ނަމަ، އެކަން ޝަރީއަތުން ބަލައިގަނެގެން ނުވާނެ ކަމަށް ބިލްގައިވެ އެވެ.

ޕޮލިސް ލައިންއަޕެއް ހެދުމަކީ އެކަށީގެންވާ ކަމެއް ކަން ޝަރީއަތުން ބެލުމުގައި ކުށުގެ ބާވަތާއި ކުޑަބޮމިނަށް އަދި ހެކީގެ މުހިންމު ކަމަށް ޝަރީއަތުން ރިއާޔަތް ކުރަން ޖެހެ އެވެ.

މީގެ އިތުރުން ޕޮލިސް ލައިންއަޕް ހެދުމުގައި ކުށުގެ ތުހުމަތު ކުރެވޭ ފަރާތުން އެއްބާރުލުން ދީފައި ނުވާ ނަމަ އެ އެއްބާރުލުން ދީފައި ނުވާ ހާލަތާއި ސަބަބަށް ރިއާޔަތް ކުރުމާއި ޕޮލިސް ލައިންއަޕް ހަދާފައިވަނީ ކުށުގެ އަމަލު ހިނގި ވަގުތު ނުވަތަ އެއާ ވިދިގެން މާގިނަ ވަގުތުތަކެއް ފާއިތު ނުވަނީސް ކަމަށް ވުމަށް ވެސް ބަލަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.

ޕޮލިސް ލައިންއަޕްގެ ބަދަލުގައި ފޮޓޯ ލައިންއަފް ބޭނުންކޮށްގެން ކުށުގެ ތުހުމަތުވާ މީހާ ދެނެގަތުމުގެ އުސޫލު ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

ފޮޓޯ ލައިންއަޕް އަކީ ޕޮލިސް ލައިންއަޕެއް ހެދުމުގެ ބަދަލުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާ ކަމަށް ހެކިބަސް ދޭ މީހާ ބަޔާންކުރާ ސިފަތައް ހުރި ނުވަތަ އެ ސިފަތަކާ ގާތްކުރާ ސިފަތަކެއް ހުރި ބައެއްގެ ފޮޓޯ، ވަކި ތަރުތީބަކުން އަތުރައި، އެ ފޮޓޯތަކުގެ ތެރެއިން ކުށުގެ ތުހުމަތު ކުރެވޭ މީހާގެ ފޮޓޯ ހެކިބަސް ދޭ މީހާ ފާހަގަކޮށްދިނުމެވެ.

މިގޮތަށް ބޭނުންކުރާ ފޮޓޯތަކުގެ ތެރޭގައި ކޮމްޕިއުޓަރު ޕްރޮގްރާމެއް މެދުވެރިކޮށް ޖެނެރޭޓް ކުރާ ފޮޓޯ ހިމެނިދާނެ އެވެ.