29 އޮކްޓޯބަރ 2025 - 20:52

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަލަށް ކަނޑައެޅި މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރިކް އެ ކޮމިޝަނުގެ ރައީސް ކަމަށް މިއަދު އިންތިހާބުކޮށްފި އެވެ.
ޖޭއެސްސީން ބުނީ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނުގެ ރައީސަކު ހޮވުމަށްޓަކާ މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ މެދުގައި ނެގުނު ވޯޓުން އެ މަގާމަށް ހުސްނީ އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީގެ މެމްބަރުގެ މަގާމަށް ހުސްނީ އައްޔަން ކުރައްވައި، އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ ވެސް މިއަދެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ކަމުގައި މިއަދާ ހަމައަށް ހުންނެވި ހުސްނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އިސްތިއުފާ ދެއްވުމުންނެވެ.
ހުސްނީ ވަނީ ޖޭއެސްސީއަށް އައްޔަން ކުރެއްވުމާއެކު ޖުޑީޝަރީ ކޮމިޓީން އިސްތިއުފާ ދެއްވައިފަ އެވެ.
ޖޭއެސްސީން ރިޒާ އިސްތިއުފާ ދެއްވިއިރު، ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ދާދިފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، ނައިބު ރައީސަކަށް އިންތިހާބުކުރީ ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޔަޒްމީދު މުހައްމަދެވެ.