29 އޮކްޓޯބަރ 2025 - 20:43

ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލާގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާދީ އަދި މައްސަލަ ނިމެންދެން އެ މީހުން ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެކަމުގައި ބައިވެރިވާ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށް އެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، މި މައްސަލާގައި ސަސްޕެންޑްކުރީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ތިން ފުލުހަކާއި ސިވިލް ސްޓާފެކެވެ.
އެ މައްސަލާގައި އިތުރު ފުލުހުންތަކެއްގެ މައްސަލަ ވެސް ބެލި އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ މަގާމު ދަށްކުރަން ނިންމާފައިވާ ކަމަށް އެނގިފައިވެ އެވެ.
އެ މައްސަލާގައި ހިމެނެނީ ސީދާ ކިތައް މީހުން ކަމެއް އަދި ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
"މިހާރު" އަށް ކުރިން އެނގިފައިވާ ގޮތުގައި، އެ މީހުން އެކަން ކޮށްފައިވަނީ ކޮއްތު ހަމަޖައްސައިދޭ މީހާއާ ގުޅިގެންނެވެ. އަދި މައްސަލަ ފެންމަތިވިއިރު، އެ މީހުން އެކަން ކުރަމުންދާތާ ވަނީ އަހަރުތަކެއް ވެފަ އެވެ.
ފުލުހުންނަށް ކޮއްތު ފައިސާ އަމިއްލަ އަތަށް ދިނުމުގެ ބަދަލުގައި އާންމުކޮށް އޮންނަނީ ކެއިންބުއިމުގެ ކަންކަން ބިޑް އުސޫލުން ބަޔަކާ ހަވާލުކޮށްފަ އެވެ.
ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި 445 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ފުލުހުންގެ ކެއުމުގެ ހަރަދުގެ ގޮތުގައި ބަޖެޓުން 168 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާއިރު، ކޮއްތު އެލަވަންސްގެ ގޮތުގައި ވަކިވަކި މުވައްޒަފުންނަށް 87 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ އެވެ.