ހަމަލާ ދިނަސް ގަތަރުން ބުނަނީ ޣައްޒާގެ އެއްބަސްވުން ދަމަހައްޓާނެ ކަމަށް
ހަމަލާ ދިނަސް ގަތަރުން ބުނަނީ ޣައްޒާގެ އެއްބަސްވުން ދަމަހައްޓާނެ ކަމަށް

ފަލަސްތީނުގެ ޣައްޒާގައި ދެމުން ދިޔަ ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމާ ހިލާފު އަމަލުތައް ހިނގައި އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށް ވެސް، އެއްބަސްވުން ދެމިއޮންނާނެ ކަމަށް ސުލްހައިގެ މެދުވެރިޔާ ގަތަރުން ބުނެފި އެވެ.

"އަޅުގަނޑު އުންމީދުކުރަނީ މައި ޕާޓީތަކުން، ދެ ފަރާތުން ވެސް، ބުނަނީ ހަމަލާ ބަދަލުކުރުން ހުއްޓާލައިގެން ތިބުން ދެމި އޮންނަންވާނެ ކަމަށް އަދި އެއްބަސްވުމަށް އަމަލުކުރަންޖެހޭނެ ކަމަށް،" ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލް އޮން ފޮރިން ރިލޭޝަންސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ހަމާސް އިން އިޒްރޭލު ސިފައިންނަށް ހަމަލާދީ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އިޒްރޭލުން ރޭ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. މީގެ ތެރޭގައި އެންމެ މަދުވެގެން ވެސް 35 ކުޑަކުދިން ހިމެނޭ ކަމަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

އެއްބަސްވުމާ އިޒްރޭލުން ހިލާފުވި ކަމަށް ވިދާޅުނުވެ އަދި ވަކިކޮޅެއް ނުނަންގަވައި ތާނީ ވިދާޅުވީ އިޒްރޭލު ސިފައިންނަށް ހަމަލާ ދިނުމަކީ އެއްބަސްވުމާ ހިލާފް އަމަލެއް ކަމަށެވެ.

"އުސޫލެއްގެ ގޮތުން ބަލާއިރު، އެއީ ފަލަސްތީނުގެ ޖަމާއަތަކުން އެއްބަސްވުމާ ހިލާފުވުން،" އިޒްރޭލު ސިފައިންނަށް ހަމަލާދިން ގްރޫޕަކީ ހަމާސް އިން މުއާމަލާތުކުރާ ޖަމާއަތެއް ނޫންކަން އަންގާފައިވާކަން ފާހަގަކުރައްވަމުން ތާނީ ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވީ އިއްޔެ ހިނގައިދިޔަ ފަދަ ކަންކަން ފެނުމުން ވަރަށް ބޮޑު ހިތްހަމަނުޖެހުމަކާއި ނުތަނަވަސްކަމެއް ކުރިމަތިވާ ކަމަށެވެ.

"މިކަން ހަމަޔަކަށް އަޅުވަން ވަގުތުން މަސައްކަތް ފަށައި އެމެރިކާއާ އެކު ކުރިއަށް ދިޔައިން. އަޅުގަނޑުމެންނަށް ފެނުނު އެއްބަސްވުން ދަމަހައްޓަން އެމެރިކާ ވެސް ބޭނުންވާކަން. އަދި އެއްބަސްވުމާ އެއްގޮތަށް މި ވަގުތު ހާލަތު އެބަ އޮތް."

ގަތަރަކީ ހަމާސްގެ ލީޑަޝިޕްގެ އެތައް ބޭފުޅުންނެއް ހިމާޔަތް ހޯއްދަވާ ގައުމަކަށް ވާއިރު، އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ އެކު އިޒްރޭލުގެ ނުރުހުން ގަތަރަށް އިތުރަށް އަމާޒުވި އެވެ. މިދިޔަ މަހު އިޒްރޭލުން ވަނީ ގަތަރުގައި ތިބި ހަމާސްގެ ވެރިންނަށް އަމާޒުކޮށް ހަމަލާ ވެސް ދީފަ އެވެ.