ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތެއް ނުލިބޭނެ: އިޒްރޭލް
ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތެއް ނުލިބޭނެ: އިޒްރޭލް

ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުލިބޭނެ ކަމަށާއި "ސޫޓް ލީ މީހުންނާއި ބިންގަރާހުގައި ތިބި މީހުންނަށް" ވެސް އޮތީ އެ ގޮތް ކަމަށް އިޒްރޭލުން ބުނެފި އެވެ.

ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް ބުނެ ރޭ ދިން ވަރުގަދަ ހަމަލާތަކަށް ފަހު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނީ "ޓެރަރިސްޓް ހަމާސް ޖަމާއަތުގެ އެއްވެސް ލީޑަރަކަށް ހިމާޔަތެއް ނޯންނާނެ" ކަމަށެވެ. ގަތަރާއި އެހެން ގައުމުތަކުގައި ތިބި ހަމާސްގެ ބައެއް ލީޑަރުންނަށް ވެސް އިންޒާރު ރައްދުކުރަމުން ކާޒް ބުނީ "ސޫޓް ލައިގެން ތިއްބަސް" އަދި "ބިންގަރާހުގައި ތިއްބަސް" ހިމާޔަތް ނޯންނާނެ ކަމަށެވެ.

"އިޒްރޭލު ސިފައިންގެ މީހަކާ ދެކޮޅަށް އުފުލައިފި ކޮންމެ އަތެއް ބުރިކޮށްލާނަން. ހަމާސްގެ އަމާޒުތަކަށް ހަމަލާ ދިނުން ކުރިއަށް ގެންދަން އޮންނަނީ ސިފައިންނަށް އަންގާފައި،" ކާޒްގެ ހަރުކަށި އިންޒާރުގައި ބުންޏެވެ.

ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އިޒްރޭލުން އިންޒާރު ދީފައި ވާއިރު ގަތަރަކީ އޮކްޓޫބަރު 7، 2023 އިން ގައި އިޒްރޭލާއި ހަމާސްއާ ދެމެދު ފެށި ހަމަލާތައް ނިމުމަކަށް ގެނެސް އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް މެދުވެރިއެއްގެ ދައުރު އެންމެ ބޮޑަށް އަދާކުރި ގައުމެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމަށް ޔަގީންކަން ދިން ގައުމުތަކުގެ ތެރޭގައި ވެސް ގަތަރު ހިމެނެ އެވެ.

އިޒްރޭލުން ވަނީ ސުލްހައިގެ މަޝްވަރާގައި ހަމާސްގެ ފަރާތުން ބައިވެރިވާ ލީޑަރުން ގަތަރުގައި މަޝްވަރާކުރަމުން ގެންދަނިކޮށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެތަނަށް ވެސް ހަމަލާ ދީފަ އެވެ. އެކަމަކު އެ ހަމަލާއާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ނުރުހުންވެ އިޒްރޭލަށް ފާޑު ވިދާޅުވެފަ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެ، ޓްރަމްޕުގެ 20 ނުކުތާގެ ހުށަހެޅުމަށް ހަމާސް އާއި އިޒްރޭލުން އެއްބަސްވީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. -- އޭއެފްޕީ