ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތީގެ ދިރާސާއެއް ހަދަނީ
ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތީގެ ދިރާސާއެއް ހަދަނީ

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތީގެ ދިރާސާއެއް ހަދައިދޭނެ ބަޔަކު ހޯދަން އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ސަރުކާރުގެ ފަރާތުން އެ މިނިސްޓްރީން ކުރިއަށް ގެންދާ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ގައުމީ ސިޔާސަތު ހަރުދަނާކުރުމުގެ ޕްރޮޖެކްޓުގެ ދަށުން، "ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތީގެ ފުރިހަމަ ދިރާސާއެއް އެކުލަވާލުމުގެ މަސައްކަތް" ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ބީލަން ހުށަހަޅާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ކަމަށާއި ބީލަން ހުޅުވުން ވެސް އޮންނާނީ ހަމަ އެ ދުވަހު ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ރާއްޖެ އަށް އެތެރެކުރުމާއި ގެންގުޅުން މަނާ ބާވަތުގެ، ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. އޭގެ ދަށުން އެކި ތާރީހުތަކަށް ބަހާލައިގެން ޖުމްލަ 14 ބާވަތެއްގެ ޕްލާސްޓިކް މަނާކުރަން ލިސްޓުގައި ކަނޑައަޅާފައިވެ އެވެ.

އެ ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން 13 ބާވަތެއް މިހާރު ވަނީ މަނާކޮށްފަ އެވެ.

އެ ލިސްޓުގައި ދެން ހިމެނޭ އެއް ލީޓަރާއި 500 މިލިލީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުން ވެސް އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނާ ވާނެ އެވެ. ނަމަވެސް ބާޒާރަށް ނެރުން މަނާ ވާނީ އަންނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ.