30 އޮކްޓޯބަރ 2025 - 06:40

އިންޑިއާގެ މި އަހަރުގެ އެންމެ އަގުބޮޑު ފިލްމު "ކަންޓާރާ: ޗެޕްޓާ 1" ނުވަތަ "ކަންޓާރާ 2" މާދަމާ ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
ޕްރައިމް ވީޑިއޯ އިން ވަނީ މާދަމާ އިން ފެށިގެން އެ ފިލްމު އެ ޕްލެޓްފޯމުން ސްޓްރީމްކުރަން ފަށާނެކަން އިއުލާންކޮށްފަ އެވެ.
ނަމަވެސް، މާދަމާ ސްޓްރީމް ކުރަން ފަށާނީ ތަމަޅަ، ކަނައްޑާ، ތެލުގޫ އަދި މެލެޔާލަމް ބަހުން ގެނެސްދޭ އެ ފިލްމުގެ ވާޝަންތައް އެކަނި ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމުގެ ހިންދީ ވާޝަން ސްޓްރީމް ކުރަން ފަށާނީ އަދި ހަތަރު ހަފުތާ ފަހުންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ކަންޓާރާ: ޗެޕްޓާ 1" ސްޓްރީމްކުރަން މި ފަށަނީ އާންމުކޮށް ފިލްމުތައް މިހާރު ސްޓްރީމިން އަށް ދޫކޮށްލާ ވަރަށް ވުރެ އަވަހަށެވެ. އެގޮތަށް އެކަން ކުރަން ޖެހެނީ ފިލްމުގެ އުފެއްދުންތެރިންނާއި ޕްރައިމް ވީޑިއޯއާ ދެމެދުގައި އަހަރުތަކެއް ކުރިން ހަދާފައިވާ އެއްބަސްވުމެއްގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުންޏެވެ.
މި މަހުގެ ދެވަނަ ދުވަހު ރިލީޒްކުރި ކަނައްޑާ ފިލްމު "ކަންޓާރާ: ޗެޕްޓާ 1" އަށް އިއްޔެގެ ނިޔަލަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 900 ކްރޯޑް ރުޕީސްއާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ލިބިފަ އެވެ. އެއާ އެކު، އެ ފިލްމު ވެފައި ވަނީ މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމަށެވެ.
"ކަންޓާރާ: ޗެޕްޓާ 1"އަކީ 100-125 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
"ކަންޓާރާ: ޗެޕްޓާ 1" އަކީ 2022 ވަނަ އަހަރު ގެނެސްދިން "ކައްޓާރާ"ގެ ޕްރީކުއެލް ފިލްމެކެވެ. އެއީ ފުރަތަމަ ފިލްމުގައި ހިނގި ކަންތައްތަކުގެ 1،000 އަހަރު ކުރި ދައްކާ ފިލްމެކެވެ.