30 އޮކްޓޯބަރ 2025 - 06:39

އިންޑިއާގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާ އާ ފިލްމު "ސްޕިރިޓް"ގެ ވިލަންގެ ރޯލަށް ދެކުނު ކޮރެއާ އެކްޓަރު ޑޮން ލީ ހަމަޖައްސައިފި އެވެ.
ދެކުނު ކޮރެއާގެ މީޑިއާތަކުން ވަނީ އެ ޚަބަރު އިއްޔެ ރިޕޯޓްކޮށްފަ އެވެ. ހޮލީވުޑްގައި ވެސް މަސައްކަތްކޮށްފައިވާ ޑޮން ލީ އެ ފިލްމުގައި ކުޅޭނީ ވިލަންގެ ރޯލު ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޑޮން ލީގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ކޮރެއާގެ ފިލްމުތައް ކަމަށްވާ "ޓްރެއިން ޓު ބުސާން" އާއި "ދަ އައުޓްލޯސް" ހިމެނެ އެވެ. އަދި އޭނާ ހޮލީވުޑަށް ތައާރަފުވި މާވެލްގެ ފިލްމު "އެޓާނަލްސް" ވެސް ހިމެނެ އެވެ.
"އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕް ގެނެސްދޭ "ސްޕިރިޓް"ގައި ލީޑު ރޯލުތައް ކުޅެނީ ދެކުނު އިންޑިއާގެ އެކްޓަރު މަޝްހޫރު ޕްރަބާސް އާއި ބޮލީވުޑްގެ އެކްޓްރެސް ތުރިޕްތީ ދިމްރީ އެވެ.
ތުރިޕްތީއަކީ ސަންދީޕް އެންމެފަހުން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "އެނިމަލް"ގައި ވެސް މުހިންމު ރޯލެއް ކުޅުނު ތަރިއެކެވެ. "އެނިމަލް"ގެ ދެވަނަ ބައެއްގެ މަސައްކަތް ވެސް ސަންތީޕް އަންނަނީ ކުރަމުންނެވެ. އޭގައި ވެސް ތުރިޕްތީ އުޅޭނެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކަރީނާ ކަޕޫރް ޚާން އާއި ސައިފް އަލީ ޚާން ވެސް "ސްޕިރިޓް"ގެ ކާސްޓަށް ނަގާފައިވާ ކަމަށާއި، އަދި އެ ދެ ތަރިން ކުޅޭނީ ނެގެޓިވް ރޯލެއް ކަމަށް ވެސް ކުރިން ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އެ ފިލްމު ޕްރޮޑިއުސްކުރަނީ ޓީ-ސީރީޒްގެ ފަރާތުން ބުޝަން ކުމާރެވެ.
"ސްޕިރިޓް"ގެ ޕްރޮޑަކްޝަން މަސައްކަތްތައް މި އަހަރު ފަށައި، ސިނަމާއަށް ގެންނާނީ އަންނަ އަހަރު ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ސަންދީޕަކީ ވަރަށް މަޝްހޫރުވި ފިލްމެއް ކަމަށްވާ، ޝާހިދު ކަޕޫރް ލީޑް ރޯލު ކުޅުނު "ކަބީރް ސިންގް"ގެ ވެސް ޑައިރެކްޓަރެވެ.
އޭނާ ޑައިރެކްޓުރި "އެނިމަލް" އަކީ 2023 ވަނަ އަހަރު ގެނެސްދިން އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނުނު ފިލްމެކެވެ. އެ ފިލްމުގެ ދެވަނަ އަދި ތިންވަނަ ބައިގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ 2027 ވަނަ އަހަރު އެވެ. އަދި ސިނަމާއަށް ގެންނަނީ 2028 ގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.