29 އޮކްޓޯބަރ 2025 - 17:08

މިދިޔަ ހުކުރު ދުވަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ބޭނުންވާ މެޑިކަލް ސަޕޯޓް އެ ދުވުމުގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ދުވުން ކުރިއަށް ދިޔަ ވަގުތު މެޑިކަލް ޓީމުތައް މައި މެޑިކަލް ޓެންްޓުގައި ހަރަކާތްތެރިވި ކަމަށެވެ. އަދި ޓްރިއާޖް ޓެންޓުގައި، އެމްބިއުލަންސްގެ ހިދުމަތާއެކު ފުރިހަމަ މެޑިކަލް ކަވަރޭޖް ފޯރުކޮށްދިން ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން އެ ރޭހުގެ ކުރިން ދިރާގުން ބޭއްވި ބިބް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކަށް ހިލޭ ސިއްހީ ޗެކަޕްގެ ހިދުމަތް ފޯރުކޮށްދިން ކަމަށް ވެސް ޓްރީޓޮޕްއިން ބުންޏެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމެވެ. އެ ދުވުމުގައި މިއަހަރު 4،500 ދުވުންތެރިން ބައިވެރިވި އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން އެ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެފަދަ އެކި ހަރަކާތްތަކަށް ބޭނުންވާ މެޑިކަލް ސަޕޯޓް ފޯރުކޮށްދެ އެވެ.