ރޭގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި އަދަދު 100 އިން މައްޗަށް
ރޭގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި އަދަދު 100 އިން މައްޗަށް

ފަލަސްތީނުގެ ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލަން ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވީ ކަމަށް ބުނެ އިޒްރޭލުން ރޭ ދިން ހަމަލާތަކުގައި ޝަހީދުވި އަދަދު 100 އިން މައްޗަށް އަރާފައިވާ ކަމަށް ހޮސްޕިޓަލްތަކާ ހަވާލާދީ ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

ރޭގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި އަދަދު 100 އިން މައްޗަށް
ރޭގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި އަދަދު 100 އިން މައްޗަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމަކަށް މި މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމުގެ ދަށުން ހަމާސް އިން ކުރަންޖެހޭ ކަންކަން ނުކުރާ ކަމަށާއި ހަމާސް އިން އިޒްރޭލު ސިފައިންނަށް ހަމަލާ ދީފައިވާ ކަމަށް ޣައްޒާއަށް ވަރުގަދައަށް ހަމަލާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކުރީ ރޭގަ އެވެ. ހަމަ އެ ވަގުތު ހަމަލާތައް ވަނީ ދީފަ އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން މިއަދު ހެނދުނު ބުނެފައިވާ ގޮތުގައި، ރޭގެ ހަމަލާތަކުގައި 22 ކުޑަކުދިން ވެސް ޝަހީދުވި އެވެ. އަދި އުމުރުން ދުވަސްވީ އެތައް ބަޔަކު ވެސް ޝަހީދުވެފައިވާ ކަމަށް ބުންޏެވެ.

ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ ހަމަލާތަކާ އެކު ޣައްޒާގެ ހާލަތު އިތުރަށް ނާމާންވެ ގޯސްވެފައިވާ ކަމަށެވެ. އަދި މިއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ހަމަލާތަކެއް ކަމަށް ވިދާޅުވި އެވެ.

"އިޒްރޭލުން ވަނީ ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓުތަކާއި ގެތަކާއި ހޮސްޕިޓަލްތަކުގެ ކައިރިއަށް ވެސް ހަމަލާ ދީފައި،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން ރޭ ހަމަލާ ދިނީ ހަމާސް އިން އިޒްރޭލުގެ އަސީރުންގެ ހަށިތައް ހަވާލުކުރުމުގައި އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި އަދި ޣައްޒާގައި އިޒްރޭލު ސިފައިންނަށް ހަމަލާ ވެސް ދީފައިވާ ކަމަށް ބުނުމަށް ފަހުގަ އެވެ. އެކަމަކު ހަމާސް އިން ތަކުރާރުކޮށް ބުނަމުން އަންނަނީ އެ ޖަމާއަތުން އެއްބަސްވުމަށް އަމަލުކުރާ ކަމަށާއި އެއްބަސްވުމާ ހިލާފްވަނީ އިޒްރޭލުން ކަމަށެވެ.

އިޒްރޭލުން ހަމަލާ ދިނުމަށް އުޒުރެއްގެ ގޮތުގައި މިފަހަރު ބުނީ އިޒްރޭލު ސިފައިން ތިބުމަށް ފާހަގަކޮށްފައިވާ ރީނދޫ ރޮނގު ހުރަސްކޮށް ހަމާސް އިން ސިފައިންނަށް ހަމަލާދިން ކަމަށެވެ. އެކަމަކު މި ހަމަލާ ދިނީ ކޮން އިރަކު ކޮން ތާކު ކަމެއް ވެސް ނުބުނެ އެވެ.

ޣައްޒާގައި ހަމަލާދޭތާ ދެ އަހަރު ފަހުން ހަމަލާތައް ހުއްޓުމަކަށް ގެނުވި އެއްބަސްވުމާ ހަމާސް އިން ހިލާފުވެ، އިޒްރޭލު އަސީރުންގެ 28 ހަށިގަނޑު ހަވާލުކުރުމުގެ ސުންގަޑި ވެސް ހަމަވެފައިވާ ކަމަށް ބުނެ އިޒްރޭލުން ގެންދަނީ އިންޒާރުތައް ދެމުންނެވެ. އިޒްރޭލުން ބުނި ގޮތުގައި އެންމެ ފަހުން ހަވާލުކުރި، 16 ވަނަ ހަށިގަނޑަކީ، މީގެ ދެ އަހަރު ކުރިން ހަވާލުކުރި އެހެން އަސީރެއްގެ ހަށިގަނޑުގެ ބައިތަކެވެ.