ޖޭއެސްސީގެ މެމްބަރު ކަމަށް ހުސްނީ އައްޔަނުކުރައްވައިފި
ޖޭއެސްސީގެ މެމްބަރު ކަމަށް ހުސްނީ އައްޔަނުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައެޅި މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީ މުބާރިކް މިއަދު އެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުސްނީ ވަނީ މެމްބަރުކަމުގެ ހުވާކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ. ހުސްނީއަށް މެމްބަރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި ހުސްނީ ޖޭއެސްސީއަށް ހަމަޖައްސަން ނިންމީ ކުރިން އެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އިސްތިއުފާ ދެއްވުމުންނެވެ.

ހުސްނީ ވަނީ ޖޭއެސްސީއަށް އައްޔަންކުރުމާ އެކު ޖުޑީޝަރީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޖޭއެސްސީން ރިޒާ އިސްތިއުފާ ދެއްވިއިރު، ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ހުންނެވި މަގާމަށް، ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޔަޒްމީދު މުހައްމަދު ވަނީ އައްޔަންކޮށްފަ އެވެ.