އެޗްއާރްސީއެމަށް ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
އެޗްއާރްސީއެމަށް ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ހިއުމަން ރައިޓަސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރުކަމަށް، ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަކުރަނީ އެ ކޮމިޝަނުގެ މެންބަރު މަރްޔަމް މުނާގެ މެމްބަރުކަމުގެ މުއްދަތު އަންނަ މަހު 30 ގައި ހަމަވާތީ އެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުުންގެ ތެެރެއިން، މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވީ ހަމައެކަނި ރަމީލާގެ ނަމެވެ.

ރަމީލާއަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމަން އެކަން ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ.

އޭނާ އެޗްއާރުސީއެމަށް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 63 މެމްބަރުންގެ އިއްތިފާގުންނެވެ.

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު އަދާކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ހާސިލުކުރައްވައިފަ އެވެ.

އެގްރިކަލްޗާ މިނިސްޓަރުކަމުން އޭނާ އިސްތިއުފާދެއްވީ، ސިއްހީ ސަބަބުތަކަށްޓަކައި، މިދިޔަ ޑިސެމްބަރު މަހު އެވެ.