ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކުރީ ރައީސަށް ފޮނުވި "ސިއްރު ޗެޕްޓަރު" އަށް ރިއާޔަތްކޮށް
ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކުރީ ރައީސަށް ފޮނުވި "ސިއްރު ޗެޕްޓަރު" އަށް ރިއާޔަތްކޮށް

ރާއްޖެ އަށް ވަގަށް ސިނގިރޭޓު އެތެރެ ކުރުމުގައި އެހީތެރިވި ކަމަށް ބެލެވޭ މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ހިމެނޭ "ސިއްރު ބައިތަކަށް" ރިއާޔަތްކޮށް ކަމަށް އެ ކޮމިޓީން މިއަދު ބުނެފި އެވެ.

ކަސްޓަމްސްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރެއްވީ ހަތަރު ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން މަހުމޫދު ރިޔާޒު އަދި އަބްދުﷲ ވަހީދެވެ.

ކަސްޓަމްސްގައި 30 އަހަރު ހިދުމަތްކޮށްފައިވާ މަހުމޫދު، ޑެޕިއުޓީއަކަށް އައްޔަންކުރީ ކުރީގެ ސަރުކާރުގައި ޖޫން 25، 2020 ގަ އެވެ. އަބްދުﷲ ވަހީދު އައްޔަންކުރީ މި ސަރުކާރުން، ޖެނުއަރީ 3، 2024 ގަ އެވެ.

އެ ދެ މީހުންނާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފިޔަވަޅު އެޅުއްވީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި 241 ކޮމިޓީން ދިރާސާ ކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސް އިން ނެރުނު މައްސަލައާ ގުޅިގެން މަޖިލިހުގެ އިދާރާ އިން ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތުތަކާއި ލަފައަށް ބަލައިފަ އެވެ.

އެ މައްސަލައާ ގުޅިގެން 241 ކޮމިޓީން އެކުލަވައިލި ރިޕޯޓު އާންމުކުރި ނަމަވެސް "ސިއްރު ބައެއް" ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ. އެހެންވެ، "ސިއްރު" ވާހަކަތައް ހިއްސާ ކުރީ ރައީސް މުއިއްޒާ އެކަންޏެވެ.

"ރައީސާ ހިއްސާކުރި ސިއްރު ބައިގައި ހިމެނޭނެ މި ބޭފުޅުން ކުރެއްވި ކަންތައްތަކާއި އެ ބޭފުޅުންގެ ނަންތައް ވެސް. ގޯސްކޮށް ކުރި ހުރިހާ ކަމެއް ރައީސަށް ފެނިވަޑައިގަންނަވާނެ އެ ލިޔުމުން. ތަހުގީގު ތަފުސީލް ހިމެނޭނެ،" 241 ކޮމިޓީގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ އިދާރާއިން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ރައީސް އެ އިދާރާ އަށް އެންގެވި އެވެ.

ކަސްޓަމްސްގެ ގާނޫނުގައިވާ ގޮތުން ވަކިވަކި އޮފިސަރުންނަށް ފިޔަވަޅު އަޅައި މައްސަލަތައް ބެލޭނީ ކަސްޓަމްސް އަށެވެ.

"އެ ބާރު ރައީސަށް ނޯންނާނެތީ ރިޕޯޓުގައި ބަޔާންކޮށްފައިވާ އެހެން މީހުންނަށް ފިޔަވަޅު އަޅަން ދޫކޮށްލެއްވީ ކަސްޓަމްސްގެ ވެރިންގެ އަތްމައްޗަށް. އެ ކަން އެ ގޮތަށް ކުރަން އެ އެންގެވީ،" ކޮމިޓީގެ މެމްބަރު ވިދާޅުވި އެވެ.

މަޖިލިހުގެ އެކިއެކި ކޮމިޓީން ބަލާ މިފަދަ ބޮޑެތި މައްސަލަތަކުގެ ދިރާސާ ރިޕޯޓުގައި ބައެއް ވާހަކަތައް ސިއްރުކޮށް، ރައީސަށް ފޮނުވާފައިވާނެ ކަމަށް 241 ކޮމިޓީން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުން ވަނީ ކަސްޓަމްސްގެ އެތެރޭގައި އޮތް އިހުމާލުތަކާއި ކޮރަޕްޝަނުގެ ސަބަބުން، ރާއްޖޭގެ ބޯޑަރު ފޫވެއްޓުމުގެ އިތުރުން ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދަށްވަމުންދާ ކަން ފާހަގަކޮށްފައިވެ އެވެ.

އެހެންވެ، އެކަންކަން ރަނގަޅުކުރަން ވަކި މުހުލަތެއް ދީފައިވެ އެވެ.