29 އޮކްޓޯބަރ 2025 - 15:21

ސަރުކާރުން އެދޭހާ ކަމެއް ބީއެމްއެލް އިން ކޮށްދޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ހަގީގަތުގައި އެ ބޭންކުން މަސައްކަތް ކުރަނީ އެ ތަނުގެ ހިދުމަތްތައް ހޯދާ އެންމެންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ކަމަށް ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރަން މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ އެ ބޭންކަކީ ސަރުކާރާއި އެތައް ހާސް ދިވެހި ރައްޔިތުން ހިއްސާވާ ބޭންކަކަށް ވުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ސިނާއަތްތަކާއި ވިޔަފާރިތަކާއި ކޮންމެ ފަރުދަކާ ވެސް ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި، އެ ބޭންކަށް އަމާޒުވާ އެކިއެކި ފާޑުކިޔުންތަކަށް ޖަވާބު ދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް މިފަދަ ވާހަކަތަކުގެ ހަގީގަތް ހާމަކުރުމަކީ މިގޮތަށް ލިބޭ ފުރުސަތެއްގައި ބޭންކު ހިންގަން ހަވާލުވެހުރި އެންމެ އިސް މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރަން ޖެހޭ ކަމެއް ކަމަށް ދެކެން،" ޝަރީފް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިހާރަކަށް އައިސް އެންމެ ބޮޑަށް ދެއްކެވޭ އެއް ވާހަކައަކީ ބީއެމްއެލް އިން ސަރުކާރުން އެދޭ ކޮންމެ ކަމެއް ކުރާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތައް ކަމަށެވެ.
"މިކަމަށް އަޅުގަނޑު ދަންނަވާލަން އޮތީ، މި ބޭންކް އުފެއްދި މާތް މަގުސަދު އަޅުގަނޑުމެން ހަނދާން ނައްތާ ނުލަން. އަޅުގަނޑުމެން އަދާކުރަމުން މިދަނީ ޑިޕޮޒިޓަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރާ ބޭންކެއްގެ ދައުރު،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ސަރުކާރެއްގެ ބޭނުމަކީ ގައުމީ ތަރައްގީ އާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރުމެވެ. އަދި އިގްތިސާދީ ހަރަކާތްތަކަކީ ނުވަތަ އިގްތިސާދުގައި ފަންވަރު ހުރުމަކީ އެ ކަންކަން ފުރިހަމަ ކުރުމަށް އޮންނަ އެންމެ މުހިންމު އެއް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބީއެމްއެލްއަކީ ދިވެހި އިގްތިސާދާ ގުޅިލާމެހިފައިވާ ބޭންކަކަށް ވާތީ ގައުމުގެ އިގްތިސާދަށް އަންނަ ލޮޅުންތަކާއި އަދި އަންނަ ކުރިއެރުންތަކުގެ އަސަރު ވެސް އެ ބޭންކަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ..
އޭނާ ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީ ގްރޯތާއި ބީއެމްއެލްގެ ފައިދާގެ ގްރޯތު އަޅާކިޔާލުމުން އެކަން ވަރަށް ރަނގަޅަށް ހާމަވާނެ ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު، ރާއްޖޭގެ އިގްތިސާދާއި ބޭންކުގެ މާލީ ހާލަތު ދަށަށް ދިޔަ މިންވަރާއި އޭގެ ފަހުން އައި ރިކަވަރީ ތަފާސްހިސާބުތަކުން އެނގެން އެބަހުރި ކަމަށާއި ބީއެމްއެލް އާއި ރާއްޖޭގެ އިގްތިސާދާ ގުޅޭ މިންވަރު ހުރީ ވަރަށް ވަރުގަދަ އަދި ޕޮޒިޓިވް ކޯރިލޭޝަނެއްގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އާދެ، 0.96 ގައި. ޕޮޒިޓިވް ޕާފެކްޓް ކޯރިލޭޝަން ކަމަށްވާ 1+ ހަމަނު ވަނީ ކުޑަ މިންވަރަކުން،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ އޮނިގަނޑަށް ބަލާއިރު މުޅި ރާއްޖޭގެ ޖީޑީޕީގެ 38 ޕަސެންޓަކީ ބީއެމްއެލްގެ ޖުމްލަ އެސެޓް ކަމަށެވެ. އަދި އެކަމުން ވެސް ހާމަވަނީ އެ ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއްގެ ބަދަލުގައި، އިގްތިސާދީ އޮނިގަނޑުގެ އަސާސީ ތަނބެއްކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ އިގްތިސާދީ ހަރަކާތްތަކުގެ ދެބައިކުޅަ އެއްބަޔާ ގާތަށް ހިންގަނީ ސަރުކާރުގެ އިސްނެގުންތަކުގެ ތެރެއިން އޭގެ މައްޗަށް ބިނާވެގެން ކަމަށާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން ސަރުކާރާ އެކު ގާތުން މަސައްކަތްކުރުމަކީ ބޭންކަށް ސްޓްރެޓީޖިކަލީ ވަރަށް ވެސް މުހިންމު އަދި ބޭނުންތެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އިގްތިސާދަށް ކުރިއެރުން ގެނައުމަށް ކުރާ މަސައްކަތުގައި ބޭންކުން ބައިވެރިވެ، ބޭންކުން އިޖާބަދީ އެއްބާރުލުން ދެނީ ވަކި ތައައްސުބެއްގެ ބޭނުމުގައި ކުރާ ކަމެއް ނޫން. އެއީ ބީއެމްއެލް އާއި ދިވެހި އިގްތިސާދު، އެކަތި އަނެކައްޗަށް ކޮންމެހެން ބޭނުންވާ އަދި ބަރޯސާވާ ގުޅުމެއް އުފެދިފައި އޮތީމަ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ބޭންކުގެ ސްޓެބިލިޓީއަކީ އިގްތިސާދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށާއި އަދި އިގްތިސާދު ހަރުދަނާ ނުވެ، ބޭންކަށް ކާމިޔާބުކަމާއެކު ދެމިނޯވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން ދިވެހިންގެ ފައިދާއަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.