ޖިންސީ ކުށުގެ ދިފާއުގައި، ރުހުން އޮތްކަން ސާބިތުކުރަން ހެކި ހުށަހެޅޭ ގޮތް ހަދަނީ
ޖިންސީ ކުށުގެ ދިފާއުގައި، ރުހުން އޮތްކަން ސާބިތުކުރަން ހެކި ހުށަހެޅޭ ގޮތް ހަދަނީ

ޖިންސީ ކުށުގެ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވާ މީހުންގެ ރުހުން އޮތްކަން ސާބިތުކޮށްދޭން، ދައުވާ ލިބޭ މީހުންނަށް ދިފާއުގައި ޒާތާ ގުޅޭ ހެކި ހުށަހެޅޭ ގޮތް ހަދަން ހެއްކާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވަނީ 2022 ވަނަ އަހަރު ފާސްކުރި ހެއްކާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކަކާ އެކު ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލުގައި ގާނޫނަށް އާ ބާބެއް އިތުރުކުރަން ވަނީ ހިމަނައިފަ އެވެ. އެއީ ޒާތާ ގުޅޭ ހެކީގެ ބާބެވެ. ޒާތާ ގުޅޭ ހެއްކަކީ މީހެއްގެ އަހްލާގާ ނުވަތަ މީހެއްގެ ސިފައަކާއި އުޅުމާ ގުޅޭ ގޮތުން ހުށަހަޅާ ހެއްކެވެ. އެއީ ގިނަ ގައުމުތަކަކުން ބަލައިގެންފައިވާ "ބޭޑް ކެރެކްޓާ އެވިޑެންސް" އެވެ.

ޒާތާ ގުޅޭ ހެކި މިހާރު ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވަނީ ނުރަނގަޅު ނިޔަތް ސާބިތުކޮށްދޭ ހެކީގެ ގޮތުގަ އެވެ. އެ ހެއްކަށް ބަޔާންކޮށްފައިވަނީ ވެސް އެންމެ މާއްދާއެކެވެ.

އެ މާއްދާގައި ބުނާ ކަންކަން އިތުރަށް ތަފްސީލުކޮށް، އަދި އާ ގިނަ ކަންކަން ހިމަނައި ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން މީހެއްގެ ޒާތާ ގުޅޭ ހެއްކެއް، އެހެން މީހަކު ކޯޓުގައި ދޭ ހެކިބަހެއްގައި ފާޅުކުރާ ރައުޔަކުން ނުވަތަ އެ މީހެއްގެ އަބުރާ ގުޅޭ ގޮތުން އެހެން މީހަކު ކޯޓުގައި ދޭ ހެކިބަހެއް މެދުވެރިކޮށް ސާބިތުކޮށްދެވިދާނެ އެވެ.

ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތުގެ ކިބަގައި ހުރި ރަނގަޅު ސިފަތަކެއް ނުވަތަ އޭނާގެ ރަނގަޅު އަހްލާގާއި ސުލޫކު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ސާބިތުކޮށްދިނުމަށް އޭނާގެ ޒާތާ ގުޅޭ ހެކި ހުށަހެޅުމުގެ ފުރުސަތު އިސްލާހުގެ ދަށުން، ދައުވާ ލިބޭ މީހާއަށް ލިބިދެ އެވެ.

އެ ހެކި ޝަރީއަތަށް ބަލައިގެންފި ނަމަ، ދައުވާ ލިބޭ ފަރާތުގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތަކާއި އޭނާގެ ނުރަނގަޅު އަހްލާގާއި ސުލޫކު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ސާބިތުކޮށްދިނުމަށް އޭނާގެ ޒާތާ ގުޅޭ ހެކި ދައުވާކުރާ ފަރާތަށް (ދައުލަތަށް) ހުށަހެޅިދާނެ ކަމަށް ބިލްގައިވެ އެވެ.

ޒާތާ ގުޅޭ ހެއްކާ ގުޅޭ ގޮތުން ޖިންސީ ކުށެއް އެކުލެވިގެންވާ މައްސަލަތަކުގައި އަމަލުކުރާ ހާއްސަ އުސޫލެއް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން، ޖިންސީ މައްސަލައެއްގައި ކުށުގެ ޝިކާރައަކަށްވާ މީހާއާ ދެކޮޅަށް، އޭނާއަކީ ޖިންސީ އަމަލު ހިންގާ ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވާ މީހެއްކަން ނުވަތަ އެ ފަރާތުން ޖިންސީ އަމަލު ހިންގަނީ އެކަން ކުރުމުގެ ވިސްނުމުގައިކަން ސާބިތުކުރަން ހެކި ހުށަހެޅޭނެ ހާލަތްތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

އެ ހާލަތްތަކަކީ:

- ހެކި ހުށަހަޅާފައިވަނީ ކުށުގެ ޝިކާރއަކަށްވާ މީހާއަށް ޖިންސީ އަނިޔާއެއް ދީފައިވަނީ ނުވަތަ އޭނާއާ އެކު ޖިންސީ އަމަލެއް ހިންގާފައިވަނީ ދައުވާ ލިބޭ ފަރާތް ނޫން އެހެން ފަރާތެއްކަން ސާބިތުކޮށްދިނުމަށް ކަމަށްވުން،

- ހެކި ހުށަހަޅާފައިވަނީ ޖިންސީ އަމަލު ހިންގި ވަގުތު ކުށުގެ ޝިކާރައަކަށްވާ މީހާގެ ރުހުން އޮތްކަން ސާބިތުކޮށްދިނުމަށް ކަމަށްވުން،

- ހެކި ބަލައިނުގަތުމަކީ ދައުވާ ލިބޭ ފަރާތާ މެދު އަދުލު އިންސާފު ގާއިމް ކުރަން ހުރަސްއެޅޭ ފަދަ ކަމަކަށް ވުން.

އެފަދަ ހެކި ޝަރީއަތަށް ބަލައިގަންނަންވާނީ، ބިލްގައިވާ ގޮތުން އެ ހެއްކެއްގެ ސަބަބުން، ކުށުގެ ޝިކާރައަކަށްވާ މީހާއަށް ލިބިދާނެ ގެއްލުމެއްކަމަށް ވުރެ އެ ހެކިން ސާބިތުކޮށްދޭން ބޭނުންވާ ވާގިއާއެއް ސާބިތުކުރުމަށް އެ ހެކި އެހީވެދޭ ނިސްބަތް ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ އެވެ.

އަދި، ދައުވާ ލިބޭ ފަރާތުން ހުށަހަޅާ ހެކި ނަފީކުރަން ނުވަތަ އެ ހެއްކަކީ ޝަރީއަތަށް ބަލައިނުގަނެވޭނެ ހެއްކެއް ކަން ސާބިތުކޮށްދިނުމަށް، ދައުވާކުރާ ފަރާތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ޝަރީއަތުން ދޭން ޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

ހެއްކާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅިއިރު، ޖިންސީ ކުށުގެ މައްސަލަތަކުގައި މީހުން ފްރޭމްކުރުމުގެ މައްސަލަތައް ބޮޑެވެ. މައުލޫމާތު ލިބޭ ގޮތުން މިފަހުން ވެސް ދައުލަތުން އެފަދަ މައްސަލަތަކެއް ކޯޓުތަކުން އަނބުރާ ނަގައިފައިވެ އެވެ.

މީގެ ކުރިން ޖިންސީ ކުށުގެ މައްސަލަތަކުގައި މިފަދަ ހެކި ހުށަހެޅުމުގެ ފުރުސަތު ގާނޫނަކުން ދީފައި ނެތް ނަމަވެސް، ބޭރުގެ ބައެއް އުސޫލުތަކަށް ރިއާޔަތްކޮށް، އެފަދަ ކަންކަން ދިފާއުގެ ގޮތުގައި ބައެއް މައްސަލަތަކުގައި ފާހަގަކޮށްފައިވެ އެވެ. ސުޕްރީމް ކޯޓުގެ ބައެއް ހުކުމްތަކުގައި ވެސް މިކަމާ ބެހޭ އުސޫލުތައް ފާހަގަކޮށްފައިވެ އެވެ.