29 އޮކްޓޯބަރ 2025 - 13:37

ވަގަށް ސިނގިރެޓް އެތެރެކުރި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ) ހުށަހެޅި ރިކޮމެންޑޭޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަންފީޒުކުރަން ފަށްޓަވާފައިވާތީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ޝުކުރު އަދާ ކުރައްވައިފި އެވެ.
ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލާގެ ތުހުމަތުގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަހްމޫދު ރިޔާޒާއި އަބްދުﷲ ވަހީދު މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެ ދެ ބޭފުޅުން ވަކިކުރީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓްތަކެއް ވަގަށް އެތަނުން ނެރުނު މައްސަލައާ ގުޅިގެން، މަޖިލީހުގެ ކޮމެޓީން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށް ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނެގި ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ 241 ކޮމިޓީގެ ރިޕޯޓްގައި ލަފާދީފައިވާ ގޮތަށް ރައީސް އަމަލު ކުރެއްވުމަކީ މަޖިލީހުގެ އިހްތިރާމާއި ބާރުވެރިކަމަށް ރައީސް އިހްތިރާމް ކުރެއްވުން ކަމަށެވެ.
"މީގެ ދެ ދުވަހެއް ކުރިން އަޅުގަނޑުމެން މަޖިލީހުން ފާސްކޮށްފައި ފޮނުވި 241 ކޮމިޓީގެ ރިޕޯޓްގެ ކަންތައްތައް ތަންފީޒުވަމުންދާ ތަން އަޅުގަނޑުމެންނަށް މިއޮތީ ފެނިފައި. އެ ރިޕޯޓްގައި އޮންނާނެ ސިއްރު ޗެޕްޓާއެއް. ޗެޕްޓާ ހައެއް. ނިންމުން ހައެއް. އަޅުގަނޑުމެން ފޮނުވީ ސީދާ ރައީސުލްޖުމްހޫރިއްޔާއަަށް. ރައީސުލްޖުމްހޫރިއްޔާ މިއަދު މިވަނީ ކަސްޓަމްސްގެ، ރައީސުލްޖުމްހޫރިއްޔާއަށް ވަކި ކުރެއްވެން އޮތް ބޭފުޅުން ގާނޫނާ އެއްގޮތަށް ވަކިކުރައްވާފައި،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ މަޖިލީހަށް އޮތް ވަރަށް އުފާވެރި ހަބަރެކެެވެ. މަޖިލީހުގެ ކޮމިޓީތަކުން އެފަދަ މައްސަލަތަކުގައި ނިންމާ ނިންމުންތައް ރައީސް ތަންފީޒު ކުރައްވާނެކަން މިހާރު އެނގޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ކަސްޓަމްސްގައި 30 އަހަރު ހިދުމަތްކޮށްފައިވާ މަހުމޫދު، ޑެޕިއުޓީއަކަށް އައްޔަން ކުރެއްވީ ކުރީގެ ސަރުކާރުގައި ޖޫން، 2020 ގަ އެވެ. އަދި އަބްދުﷲ ވަހީދު އެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރުން، ޖެނުއަރީ 2024 ގަ އެވެ.