29 އޮކްޓޯބަރ 2025 - 12:02

ބޭންކް އޮފް މޯލްޑިވްސްއިން މިދިިޔަ އަހަރު ފެށި "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ނިމުން ފާހަގަކޮށްފި އެވެ.
މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކާމިޔާބީ ފާހަގަކޮށް، އެ މަޝްރޫއުގައި އިސްކޮށް އުޅުނު ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަ ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ. މި ފިލާ އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މީހުން އުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރައީސް ވެ ވަޑައިގަތް ވައުދު، ކުރު މުއްދަތެއްގައި ފުރިހަމަކުރައްވާފައި ވާތީ ބޭންކުން ވަނީ ރައީސަށް ވެސް އެކަން ފާހަގަކޮށް ހަނދާނީ ފިލައެއް އަރުވައިފަ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވެފައިވާ ވައުދު ފުރިހަމަކުރުމަށް، އެ ހިދުމަތް ނެތް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް ނިންމައި އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ އެމްއޯޔޫގެ ދަށުން ނުވަ މަސް ދުވަހުގެ ތެރޭގައި 20 އަތޮޅެއްގައި، 105 އޭޓީއެމް ބަހައްޓައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގެ ހިދުމަތް ވަނީ ފުޅާކޮށްފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ބީއެމްއެލްއިން މުޅި ރާއްޖެއަށް އޭޓީއެމް ހިދުމަތް ދޭން ނިންމީ އޭޓީއެމް ހިދުމަތަށް 25 އަހަރުވީ އިރު ވެސް މީހުން ދިރިއުޅޭ 82 ރަށެއް ފިޔަވައި އިތުރު ރަށްރަށުގައި އެ ހިދުމަތް ނެތުމުން ގިނަ ބަޔަކު ތަކުލީފު އުފުލަމުން ދާތީކަމަށެވެ. ބޭންކުގެ ހިދުމަތް ހޯދަން އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމާއި ބޭންކުގެ މުވައްޒަފުންގެ އިންތިޒާރުގައި ތިބެން ޖެހުމަކީ އެތައް ބަޔަކަށް އަސާސީ ބޭންކިން ހިދުމަތުގައި ކުރިމަތިލި އުނދަގުލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަސާސީ ބެންކިން ހޯދުމުގައި ދަތިތަކެއް ހުރުމުން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ރައްޔިތުމީހާ ހުރި ކަމުގައި ވިޔަސް، އެ މީހާ މާލީ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ވީހާ ވެސް އަވަހަކަށް ހޯދައިދިނުމަށް. ދަތުރުކުރަން ނުޖެހި، ބޭނުން ވަގުތަކު އަސާސީ ބޭންކިން ހިދުމަތް ލިބޭނެގޮތް ވީހާ ވެސް އަވަހަކަށް ފަހިކޮށްދިނުމަށް. އޭޓީއެމްގެ ހިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އަބަދުވެސް ބޭނުންވާ ހިދުމަތެއް. ބޭންކަށް ކެނޑިނޭޅި އެކި ފަރާތްތަކުން މި ހިދުމަތް ގާއިމުކޮށްދިނުމަށް އެދެމުންދޭ،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްއިން ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް އޭޓީއެމްގެ ހިދުމަތް ފުޅާކޮށް އަދި މިހާރު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށާފައި ވާއިރު މި މަސައްކަތަކީ ކޮސްޓް އެފިޝެންޓު މޮޑެލްއަކަށް ހިންގި ޕްރޮޖެކްޓެއް ކަމަށް ސީއީއޯ ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މަޝްރޫއުގައި އޭޓީއެމް ބެހެއްޓީ، އޭޓީއެމް އަގާ އަޅާބަލާއިރު ތިންބައިކުޅަ އެއްބައި ހަރަދު ކުޑަކޮށް ކަމަށެވެ.
މުޅި ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފައި ވާއިރު ބީއެމްއެލްއިން 20 އަތޮޅުގައި 42 ބްރާންޗާއި 193 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 251 އޭޓީއެމްގެ ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ.