29 އޮކްޓޯބަރ 2025 - 11:25

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް އަނބުރާ ދައުލަތަަށް ނަގަން ޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އިއްޔެ ދެއްކެވި ވާހަކައާ އެކު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން އެ ވާހަކައިގެ ރާގު ބަދަލުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ އިއްޔެ ފާޅުކުރެއްވީ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށާއި އެކަމަކު، އެ ވާހަކައާ މެދު މާލޭގެ ބައެއް ރައްޔިތުންގެ ހިތްތަކުގައި ވަރަށް ބޮޑު އުދާސްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އިއްޔެ ދެއްކެވި ވާހަކަ އަނބުރާ ނުގެންދަވައި ފަލާހު ވިދާޅުވީ އެއީ އަމިއްލަ ހިޔާލެއް ކަަމަށެވެ.
"އެހެން ނަމަވެސް މާލޭގެ ގޯތި ލިބިފައި ތިބި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މިއަދު މި ދަންނަވާލަނީ [ރައްޔިތުންގެ މަޖިލިހުގެ] މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން، އެ ބޭފުޅުންނަށް ލިބިފައި ހުރި ގޯތި، އެ ލިބިފައި އޮތް ގޮތަށް، މި ސަރުކާރުން އެ ބޭފުޅުްންނާ ހަވާލުކޮށްދެއްވާނެ،" ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ލީޑަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފަލާހު ވިދާޅުވީ، މާލެ ސަރަހައްދުން ހިލޭ ގޯތި ދިން ނިންމުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށާއި އެ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށެވެ.
"މިއީ އަޅުގަނޑު އެއްގޮތަަކަށް ވެސް މިތާ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަކައެއް ނޫން. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑުގެ ޝުއޫރެއް މި ހާމަކޮށްލަނީ. އަޅުގަނޑުގެ ހިޔާލަކީ އަދިވެސް، ހިލޭ ދީފައި އެހެރަ ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި. ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން 99 ޕަސެންޓް މީހުން އެކަމަށް ތާއީދު ކުރައްވާނެ ކަމަށާ އެއީ އެހާ ވެސް ބޭއިންސާފުން ކޮށްފައި އޮތް ކަމެއް ކަމަށެވެ.
"އެއީ އެކަކަށް ފްލެޓް މި ދެނީ ފައިސާ ދައްކާ ގޮތަށް. ބޮޑުސިންގާ 1،200 އަކަފޫޓުގެ ބިމެއް މި ދެނީ ހިލޭ. މިއީ ކޮން ކަހަކަ އިންސާފެއް މިއީ؟" އޭނާ ވިދާޅުވި އެވެ.
ބިޑް އުސޫލުން ވިއްކާ ނަމަ އެއިން ކޮންމެ ގޯއްޗަކަށް 12 މިލިޔަން ރުފިޔާ ޖެހޭނެ ކަމަށާއި ފްލެޓް ލިބޭ މީހުން ޖެހެނީ 25 އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮށްފައި ހުރި ނަމަ ހުރި މަސައްކަތަކަށް އަގުދީފައި ގޯތިތައް ދައުލަތަށް ނަގަން ތަކުރާރުކޮށް ސަރުކާރަަށް ގޮވާލައްވަމުން ފަލާހު ވިދާޅުވީ އޭރުން ދައުލަތަށް 10 ވަރަކަށް ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަދިވެސް ސަރުކާރުގައި ހަމަ އެދެމޭ އެ ގޯތިތަކުގެ، ކޮށްފައި ހުރި މަސައްކަތެއް ހުރިއްޔާ އޭގެ ބަދަލު ދީފައި އެ ހުރިހާ ގޯއްޗެއް އަނބުރާ ދައުލަތަށް ނަގަން. އޭރަަށް ދައުލަތަށް ވެސް ދިވެހި ރައްޔިތުންނަށް ވެސް ގާތްގަނޑަކަށް 10 ވަރަކަށް ބިލިޔަން ރުފިޔާ އެ ސަލާމަތް ކުރެވެނީ،" ފަލާހު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ހިލޭ ގޯތި ދޭން ކުރީގެ ސަރުކާރުން ހުޅުވާލުމާ އެކު އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ. އޭރު އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު މޫސާ ސިރާޖު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެވެ.