އެސްޑީއެފްސީ ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލްގެ ނަމަށް ބަދަލުކޮށްފި
އެސްޑީއެފްސީ ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލްގެ ނަމަށް ބަދަލުކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލްގެ ނަމަށް މިއަދު ބަދަލުކޮށްފި އެވެ.

ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރުމަށް މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި، ބީއެމްއެލްގެ ދަށުން ހިންގާ އެސްޑީއެފްސީގެ އާ ލޯގޯ އާއި ބްރޭންޑިން އިފްތިތާހުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފެވެ.

އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ މިއަދަކީ އެ ކުންފުނީގެ ކުރިމަގަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި އެސްއެމްއީ ޑިޖިޓަލް އަށް އެ ކުންފުނި ރީބްރޭންޑްކުރީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއެކު، އެ ކުންފުނި ބައްޓަންކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސްއެމްއީ ޑިޖިޓަލްއަށް ބަދަލުކުރުމާ އެކު މިއަދު މި ފެށިގެން ދަނީ ކުންފުނީގެ އާ ސަފުހާއެއް،" އޭނާ ވިދާޅުވި އެވެ.

ބަދުރުއްދީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނި ވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަނި ފައިނޭންސް ފޯރުކޮށްދޭ ކުންފުންޏަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ކުންފުނި ވެގެންދާނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ހައްލެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ޝަރީއާ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ފައިނޭންސިންގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ އެކި ވިޔަފާރިތައް އެއް ތަނަކަށް ގެނެސްދޭ ޑިޖިޓަލް މާކެޓް ޕްލޭސްއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދި ވިޔަފާރިތަކަށް ފައިސާ މެނޭޖުކުރަން ބޭނުންކުރާ ޑިޖިޓަލް ޓޫލްސްތަކާއި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންސްތައް ވެސް އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް މެދުވެރިކޮށް ތައާރަފުކުރުމަށް ވަނީ ނިންމާފައި،" ބަދުރުއްދީން ވިދާޅުވި އެވެ.

ބަދުރުއްދީން ވިދާޅުވި ގޮތުގައި، ބީއެމްއެެލްގެ ސަބްސިޑަރީއަކަށް އެސްޑީއެފްސީ ބަދަލުކުރުމަށް ފަހު އެ ބޭންކާއެކު ކުރެވޭ އިންޓަގްރޭޝަން މަސައްކަތްތަކުގެ ތެރެއިން އެ ބޭންކުގެ މޯބައިލް އެޕާއި އޭޕީއައި އިން ގުޅުވާލައި އެ އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތައް މާދަމާއިން ފެށިގެން ފެންނާނެ އެވެ.

އެ ފެސިލިޓީތަކަށް ބީއެމްއެލްގެ އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި އެސްއެމްއީ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމަށް މަގުފަހިކޮށްދޭ އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިސްލާމީ ޝަރީއާއާ އެއްގޮތަށް ގާއިމް ކުރެވޭ ފުރަތަމަ މާލީ މުއައްސަސާ ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން ނިންމީ މިދިޔަ ޖުލައި މަހު އެވެ.