29 އޮކްޓޯބަރ 2025 - 10:24

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި، ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލްގެ މާލީ ނަތީޖާތަކަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ 791 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ.
ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައި ވެ އެވެ.
ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބީއެމްއެލްގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ. އަދި ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައި ވަނީ ދަމަހައްޓައިފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މިއީ ބޭންކަށް ލިބުނު ފަހުރުވެރި މާލީ ނަތީޖާއެއް އެކަންޏެއް ނޫނެވެ.
"މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާ މެދު ވެސް އަޅުގަނޑުމެން ފަހުރުވެރިވޭ،" ޝަރީފް ވިދާޅުވި އެވެ.
މިދިޔަ ކުއާޓަރުގައި ބީއެމްއެލްއިން މުޅި ރާއްޖެއަށް ހިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ވެ އެވެ.
'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 105 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މި މަހު މި މަޝްރޫއު ކާމިޔާބު ކަމާއެކު ވަނީ ނިންމާލައިފަ އެވެ.
މީގެ އިތުރުން، މިދިޔަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފަ އެވެ. މި ނިންމުމާ އެކު، އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ހިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ހިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.