29 އޮކްޓޯބަރ 2025 - 10:06

ރާއްޖެ އަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި އެހީތެރިވުމުގެ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މިއަދު މަގާމުން ވަކިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މަގާމުން ވަކިކުރީ ކަސްޓަމްސްގެ ހަތަރު ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން މަހުމޫދު ރިޔާޒު އަދި އަބްދުﷲ ވަހީދެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ 241 ކޮމެޓީން ދިރާސާކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސް އިން ނެރުނު މައްސަލައާ ގުޅިގެން، މަޖިލީހުން ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް ގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން، އެ އިދާރާ އިން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކަސްޓަމްސްގައި 30 އަހަރު ހިދުމަތްކޮށްފައިވާ މަހުމޫދު، ޑެޕިއުޓީއަކަށް އައްޔަންކުރެއްވީ ކުރީގެ ސަރުކާރުގައި ޖޫން 25، 2020 ގަ އެވެ. އަބްދުﷲ ވަހީދު އައްޔަންކުރެއްވީ މި ސަރުކާރުން، ޖެނުއަރީ 3، 2024 ގަ އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުން ވަނީ ކަސްޓަމްސްގެ އެތެރޭގައި އޮތް އިހުމާލުތަކާއި ކޮރަޕްޝަނުގެ ސަބަބުން، ރާއްޖޭގެ ބޯޑަރު ފޫވެއްޓުމުގެ އިތުރުން އެ އިދާރާ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ދަށްވަމުންދާ ކަން ފާހަގަކޮށްފައިވެ އެވެ.
އެހެންވެ، އެކަންކަން ރަނގަޅުކުރަން ވަކި މުހުލަތެއް ދީފައިވެ އެވެ.
ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން އެތެރެކުރި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ނަމަވެސް، އެ މައްސަލަ އޭރު ފެންމަތިވުމުން ހޯކްސް އިން ވަނީ އެކަމުގައި އެ ކުންފުނީގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އޭގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުވާ މުވައްޒަފުން މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށް ވެސް ހޯކްސް އިން ކުރިން ބުންޏެވެ. އޭގެ ފަހުން ޕީޖީ އޮފީހުން ވަނީ ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލައިގައި އެ މުވައްޒަފުންގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.
އެގްޒޯޓިކް އެންޓަޕްރައިޒަސް އާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ނެރުނު މައްސަލަ ފެންމަތިވުމުން ވެސް ކަސްޓަމްސްއަށް ތުހުމަތުގެ އިނގިލި ވަނީ ދިއްކޮށްފަ އެވެ.
ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ އެގްޒޯޓިކުން ބޮންޑެޑް ވެއާ ހައުސް، ކަސްޓަމްސް އިން ޗެކުކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑުގެ 300 ކޭސް ސިނގިރޭޓު (ޖުމްލަ 575 ކޭސް ސިނގިރޭޓް) ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނެވެ.
އެސްޖީއެމް ބޮންޑެޑް ވެއާހައުސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ތަން ޗެކްކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ އެމެރިކަން ލެޖެންޑް ބްރޭންޑުގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް ބްރޭންޑުގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ހިލާފަށް އެތަނުން ނެރެފައިވެ އެވެ.