30 މާޗް 2017 - 06:28

ޓްވިންކަލް ކަންނާ އަކީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާޖޭޝް ކަންނާ އާއި ޑިމްޕަލް ކަޕާޑިޔާގެ ދޮށީ ދަރިފުޅެވެ. އޭނާގެ ފިރިމީހާއަކީ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރެވެ. ޓްވިންކަލް ވެސް އެންމެ ފުރަތަމަ ފަށައިގަތީ ފިލްމީ މަސައްކަތެވެ.

އޭނާ 1995 ގައި ނުކުތް "ބަރްސާތު" އިން ބޮބީ ޑެއޯލް އާ އެކު ބޮލީވުޑަށް ތައާރަފްވި އެވެ. ނަމަވެސް ފިލްމު ކުޅެގެން މާ އެކަށީގެންވާ ކާމިޔާބީއެއް އޭނާއަކަށް ނުހޯދުނެވެ. ކުޅުނު ހުރިހާ ފިލްމެއް ކަހަލަ ގޮތަކަށް ފުލުފުލުން ފްލޮޕްވަމުން ދިއުމުގެ ސަބަބުން ފިލްމު އިންޑަސްޓްރީގައި ކުރިއަށް ނުދެވޭނެހެން ހީވުމުން ފިލްމު ކުޅުމާ ދުރުވާން ގަސްތު ކުރި އެވެ. އަދި އަމިއްލަ ވިޔަފާރިއެއް ފެށި އެވެ. އަދި އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް ކުރަން ފެށި އެވެ.

އެކަމަކު ވިޔަފާރިއަށް ވުރެ ވެސް މާ މޮޅު ހުނަރެއް ޓްވިންކަލްގެ ހުއްޓެވެ. އޭނާއަށް ވެސް އޭނާގެ މި ހުނަރު ހުރިކަން ވިސްނުނީ ތަންކޮޅެއް ފަހުން ކަމަށް ވެދާނެ އެވެ. ހަގީގަތުގައި ޓްވިންކަލް އަކީ އާދަޔާޚިލާފު މޮޅު ލިޔުންތެރިއެކެވެ. އޭނާއަކީ އިންޑިއާގެ މަޝްހޫރު ނޫހަކަށް ގަވާއިދުން ކޮލަމެއް ލިޔަމުން އަންނަ މޮޅު ލިޔުންތެރިއެކެވެ.
ޓައިމްސް އޮފް އިންޑިއާ އަށް "މިސިޒް ފަނީ ބޯންސް"ގެ ނަމުގައި ޓްވިންކަލް ލިޔަމުންދާ ބްލޮގަކީ ވަރަށް މަޝްހޫރު އަދި އެހާމެ މޮޅު ލިޔުންތަކެއް ހިމެނޭ ބްލޮގެކެވެ. މި ބްލޮގްގައި އެ އިރެއްގައި މުޖުތަމައުގައި ހުރި މައްސަލަތަކުގެ ތެރެއިން އޭނާއަށް ފާހަގަކުރެވޭ އެކި މައްސަލަތަކަށް ހެއްވާ މަޖާ ގޮތްގޮތަށް ލިޔެފައި ހުރެ އެވެ. އަދި އޭނާގެ ބްލޮގްގައި ލިޔާ ލިޔުންތަކަކީ އެއްވެސް ވަރަކަށް އެހެން މީހަކު ބުނެފާނެ އަދި ހީކޮށްފާނެ އެއްޗަކަށް ވިސްނާލުމެއްނެތި ވަރަށް ސާފުބަހުން ލިޔެފައި ހުންނަ ލިޔުން ތަކެކެވެ.
މި ބްލޮގްގައި ހުންނަ ލިޔުންތައް ކިޔާފައި ބައެއް މީހުން ރުޅި އަޔަސް އޭނާގެ މައްސަލައެއް ނެތެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެންނަށް ވެސް އޮންނަން ޖެހޭނެކަމަށް އޭނާ ގަބޫލު ކުރެ އެވެ.
މިހާރު "މިސިޒް ފަނީ ބޯންސް" ފޮތެއްގެ ސިފައިގައި ވެސް ވަނީ ޝާއިއުކޮށްފަ އެވެ. އަދި "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" ކިޔާ ފޮތެއް ވެސް ޓްވިންކަލް ލިޔެ ޝާއިއުކޮށްފައިވެ އެވެ.
ޓްވިންކަލްގެ ލިޔުންތަކުގައި އެއްވެސް ކަހަލަ ސީރިއަސް ކަމެއް ނުހުރެ އެވެ. ހަޔާތުގެ އެކި ކަންކަން އޭނާ ސިފަކޮށްދެނީ ވަރަށް މަޖާ ގޮތް ގޮތަށެވެ.
ޓްވިންކަލް ދާދިފަހުން އިންޑިއާ ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ފިލްމުތައް ކާމިޔާބު ނުވުމަކުން އޭނާ އެއްގޮތަކަށް ވެސް ހިތާމައެއް ނުކުރެ އެވެ.
އޭނާގެ ލިޔުންތެރިކަމަށް މީހުން ތައުރީފުކުރާ ވަރަށް އެކްޓްކުރުމަށް ތައުރީފު ނުކުރީތީ ދެރަވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ބުނީ ފަހަރެއްގައި އެގޮތަށް ދިމާވީ އޭނާއަށް އެކްޓްކުރުމަށް ވުރެ މޮޅަށް ލިޔުންތެރިކަން އެނގޭތީ ކަމަށް ވެދާނެ ކަމަށެވެ.
"އުމުރު ދުވަހަށް ވެސް އަހަންނަށް އެ މަސައްކަތެއްގައި ދެމި ހުރެވޭ ކަހަލަ ކެރިއަރެއް އޮތްކަން ނަސީބެއްނޫންހޭ ހިތަށް އަރުވާލާފައި ހިތްހަމަޖައްސާލަނީ،" ފިލްމުތަކުގެ ނާކާމިޔާބީއާ ބެހޭ ގޮތުން ޓްވިންކަލް ބުންޏެވެ.
ޓްވިންކަލްގެ ފިރިމީހާ އަކްޝޭ އަކީ ފިލްމީ ތަރިއެއްގެ އިތުރުން ފިލްމު ޕްރޮޑިއުސަރެއް ވެސް މެ އެވެ. އެހެންވެ އަކްޝޭއާ އެކު އެމީހުން ޕްރޮޑިއުސްކުރާ ފިލްމުތަކުގައި މަސައްކަތް ކުރާނެ ފުރުސަތު ޓްވިންކަލް އަށް ލިބޭނެ ކަން ޔަގީނެވެ. އެހެންވެ އަކްޝޭއާ އެކު ފިލްމު ނުކުޅެނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓްވިންކަލް ބުނީ އޭނާއަކީ މޮޅު ލިޔުންތެރިއެއްކަމަށް މީހުންނަށް ގަބޫލު ކުރެވެންޏާ އެކަމުގައި ކުރިއަށް ނުދާންވީ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ މީހުން އޭނާ ގަބޫލުކުރާ ކެރިއަރެއްގައި ކުރިއަށްދާން ގަސްތުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މިހާރު ޓްވިންކަލް ވަނީ ފިރިމީހާއާ އެކު ފިލްމު ޕްރޮޑިއުސްކުރަން ފަށާފަ އެވެ. އެގޮތުން އަކްޝޭ އާއި ރާދިކާ އަޕްޓޭ މިހާރު ކުޅެމުންދާ "ޕެޑްމޭން" އަކީ ޓްވިންކަލް ޕްރޮޑިއުސްކުރާ ފިލްމެކެވެ. އާރް. ބާލްކީ ޑައިރެކްޓްކުރާ މި ފިލްމަކީ މިޒަމާނުގައި މުޖުތަމައު ހޭލުންތެރިކުރުވުން ވަރަށް މުހިއްމު ކަމަކަށް އަމާޒުކޮށް އުފައްދާ ފިލްމެއް ކަމަށް ދެ ކުދިންގެ މަންމަ ޓްވިންކަލް ބުންޏެވެ.