29 އޮކްޓޯބަރ 2025 - 10:51

ސްޓެލްކޯއިން ކ. ތުލުސްދޫގައި އެޅި ޓްރެއިނިން ސެންޓަރު، ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ފަހު ރަށެއްގެ ގޮތުން ތުލުސްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ޓްރެއިނިން ސެންޓަރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
ސެންޓަރު އެޅުމާ ބެހޭ ގޮތުން ސްޓެލްކޯގެ ރީޖަނަލް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޔާސިރު "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނިން ކޮންމެ އަހަރަކު ޓްރެއިނިންތަކަށް ރާއްޖެއިން ބޭރަށް ހަތަރު ވަރަކަށް މުވައްޒަފުން ފޮނުވަ އެވެ. އެ މީހުންނަށް 15 ދުވަހުގެ ޓްރެއިނިންއަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެކަޑަމީ ހެދުމުން ސްޓްރެސް ފްރީ މާހައުލެއްގައި، ރާއްޖޭގައި ތިބެގެން ހަރަދު ކުޑަކޮށް ކިޔެވޭނެ ކަމަށް ޔާސިރު ވިދާޅުވި އެވެ.
އެކޮމޮޑޭޝަނާ އެކު ގާއިމްކުރި އެ ސެންޓަރުގައި ޓްރެއިނިން ރޫމާއި އިލެކްޓްރިކަލް ޓްރެއިނިން ރޫމުތަކާއި ކޮންޓްރޯލް ޓްރެއިނިން ރޫމްތަކާއި މެކޭނިކަލް ޓްރެއިނިން ރޫމްތަކާއި ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންކުރުމަށް އެމްވީއެޗްވީ ރޫމުތައް ވެސް ހުރެ އެވެ.
އެތަން އެޅުމުގެ މަސައްކަތް ފެށީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަހުމީ އެ މަގާމުގައި ހުންނަވަނިކޮށެވެ. އޭރު އޭނާ ވިދާޅުވީ އެ ސެންޓަރުގެ އެންމެ ބޮޑު ބޭނުމަކީ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ޒުވާނުން ތަމްރީންކޮށް، ކުންފުނީގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ވެސް ޓްރެއިނިން ދީ އެ ދާއިރާއިން ސަނަދެއް ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.
ސްޓެލްކޯއިން ނިންމާފައި ވަނީ ޓްރެއިނިންގެ ވަކި ލެވަލްއެއް ފުރިހަމަކޮށްގެން ނޫނީ އެ ކުންފުނީގައި އިންޖިނިއަރިން ދާއިރާގައި މަސައްކަތް ނުކުރެވޭ ގޮތަށް ހެދުމަށެވެ.
އެ ސެންޓަރުގައި ކިޔަވަން ބޭނުންވާ ނަމަ، ޖެހޭނީ އެކަމަށް އެދި ސްޓެލްކޯއަށް ހުށަހަޅާށެވެ. ސްޓެލްކޯއިން ނިންމާފައި ވަނީ އެތަނުގައި ކިޔަވައިދިނުން ގައުމީ ޔުނިވާސިޓީއާ ގުޅިގެން ކުުރިއަށްގެންދާށެވެ.
ސްޓެލްކޯގެ އަމާޒަކީ އަހަރަކު 300 އެއްހާ މީހުން އެ ތަނުން ތަމްރީން ކުރުމެވެ.